10 Mar 2018, 23:22
އެސްޓީއޯ މިނިވަންޗެމްޕިއަންޝިޕް މ. އަތޮޅު ބުރުގައި މުލައް ބަލިކޮށް މުލިން ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.
މި މެޗަށް ދެޓީމުވެސް ނުކުތީ އަތޮޅު ބުރުގައި ފުރަތަމަ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން މުލިން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވޭވަށް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މުލިން މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު މަޑުއްވަރި ބަލިކޮށް، ލިބުނު ތިން ޕޮއިންޓާއެކުގައެވެ.
މ. މުލީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މުލިން މުލައް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ފުރަތަަމަ ލީޑު ނެގީ މުލަކުންނެވެ. މުލަކަށް ގޯލް ޖަހައިދިނީ ހުސައިން އާތިފެވެ. މެޗުގެ ކުރީ ކޮޅުގައި މުލަކުން ލީޑު ނެގި ނަމަވެސް ހާފް ނިމުމުގެކުރިން މުއްޔުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި މުލިން އެ ގޯލް ކާމިޔާބުކޮށްދިނީ މައުރޫފް އަބްދުލް ސަމަދެވެ.
މުއްޔުން މެޗުން މޮޅުވީ ފަހުވަގުތު ޖެހި ދެ ގޯލުންނެވެ. ނިމެން މިނެޓްކޮޅަކަށް ވެފައިވަނިކޮށް އެ ދެ ގޯލްވެސް މުއްޔަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނާފިޔުއެވެ.
މ. އަތޮޅު ބުރުގައި ވާދަކުރާ ޓީމުތަކަކީ މަޑުއްވަރީއާއި، ވޭވަށާއި، މުލި އަދި މުލަކެވެ. އެ އަތޮޅު ބުރުގެ ފައިނަލުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ވާދަކުރާ އިރު، ޗެމްޕިއަން ޓީމަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެއެވެ.