އެސްޓީއޯ މިނިވަންޗެމްޕިއަންޝިޕް ހދ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށް ހަނިމާދޫން ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

މިއަހަރުގެ މިނިވަންޗެމްޕިއަންޝިޕް މުބާރާތުގައި ހދ. އަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދުއާއި، ފިނޭއާއި، ނޮޅިވަރަމް އަދި ނެއްލައިދުއެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.

ހަނިމާދުގައި މިއަދު ކުޅުނު މެޗު އެރަށުން ކާމިޔާބުކުރީ ނެއްލައިދޫގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާ މެޗު ކާމިޔާބުކޮށްގެންނެވެ.

ހަނިމާދޫން މިއަދުގެ މެޗުގައި ޖެހި ހަމައެކަނި ގޯލް، މެޗުގެ ފަހު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އާމިރެވެ.

މިނިވަންޗެމްޕިއަންޝިޕް މިއަހަރުގެ މުބާރާތުގައި ހަނިމާދޫން ފުރަތަމަ ކުޅުނު މެޗުގައި ފިނޭ ބަލިކުރީ 10-1 ގެ ނަތީޖާއަކުންނެވެ.