10 Mar 2018, 22:47
އިނގިރޭސި ޕްރިމިއާލީގުގައި މިރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.
މިރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ތާވަލުގެ ދެވަނައިގައި އޮތީ ތިންވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއްގައެވެ.
ޔުނައިޓެޑް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެޓީމަށް ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އިނގިރޭސިވިލާތުގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ ލީޑު ނަގައިފައެވެ. ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ބޯޅަ ރަޝްފޯޑި ނިންމާލީ ވަރަށް ރީތިކޮށް ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒެންޑްރާ އާނޯލްޑް ނައްޓާލުމަށްފަހު ގޯލްގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑަށް ދެ ގޯލް ކާމިޔާބުކޮށްދިން ރަޝްފޯޑު ކައިރީގައި ލިވަޕޫލްގެ ޒުވާން ޑިފެންޑަރު އާނޯލްޑް --- ފޮޓޯ/ އޭޕީ
ޔުނައިޓެޑްގެ ގޯލަށްފަހު ލިވަޕޫލްގެ ފަރާތުން ދެ ހަމަލާއެއް ފެނިގެންދިޔަނަމަވެސް މެޗުގައި އަނެއްކާވެސް ގޯލް ޖެހީ ޔުނައިޓެޑުންނެވެ. ލުކާކޫގެ ބޯޅައަކަށް ހުއާން މަޓާ، ލިވަޕޫލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ޑިފެންޑަރުގެ ގައިގައި ޖެހި މިސްރާބު ބަދަލުވެ ފަހިވީ ފުރަތަމަ ގޯލްޖެހި ރަޝްފޯޑަށެވެ. އޭނާވަނީ ފަސޭހަކަމާއެކު ގޯލްގެ ކަނަށް ބޯޅަ އަމާޒުކޮށްލައި ޔުނައީޓެޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށްވަނީ ލީޑު ފުޅާކުރުމަށްވެސް އިތުރު ފުރުސަތެއް ލިބިފައެވެ. ލިވަޕޫލްގެ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ މަޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ލިވަޕޫލްގެ މަނޭ، ޔުނައިޓެޑްގެ މިޑްފީލަޑަރު މަޓިޗް ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ --- ފޮޓޯ/ އޭޕީ
ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. ދެ ފަޅިން ކުޅެމުން އައި މުހައްމަދު ސަލާހާއި ސަޑިއޯ މަނޭގެ ފަރާތުންވެސް ގިނަ ހުރަސްތަކެއް ފެނިފައިވާއިރު ލިވަޕޫލްގެ ގޯލައަކީ މަނޭގެ ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ގައިގައި ޖެހިފައި ވަން ގޯލައެކެވެ.
ލިވަޕޫލުން ގޯލްޖަހައި މެޗަށް އަނބުރާ އައުމަށް މަސައްކަތް ކުރަން ފެށުމުން ޔުނައިޓެޑްވަނީ ވަރަށް ބޮޑަށް ފަހަތަށްޖެހި މެޗު ނިމެންދެން ޑިފެންސްކޮށްފައެވެ.
މިރޭގެ މެޗަކީ މިދިޔަ އަހަރު ޑިސެންބަރު މަހަށްފަހު ރަޝްފޯޑު ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ.