24 Aug 2011, 12:35
މެންޗެސްޓާ ސިޓީ އިން މިސީޒަނަށް ހޯދުމަށް މަސައްކަތްކުރަމުންދިޔަ އާސެނަލުގެ ފްރާންސް މިޑްފީލްޑަރު އިއްޔެގެ ވަގުތެއްގައި މެޑިކަލް ޓެސްޓުގައި ބައިވެރިވެފައިވެ އެވެ. އާސެނަލްއިން ވަނީ ނަސްރީއަށް މެންސިޓީއިން ހުށަހަޅާފައިވާ އަގަށް އެއްބަސްވެފަ އެވެ. މިއަދުގެ ވަގުތެއްގައި ނަސްރީ މެންސިޓީއަށް ސޮއިކުރާނެކަމަށް ބެލެވެ އެވެ.
އާސެނަލްއާ އެކު މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގު ކޮލިފައިން މެޗުގައި ބައިވެރިނުވުމަށް މެންސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ނަސޭހަތްދީފައިވާ ނަސްރީ އަށް އެކުލަބުން ހުށަހަޅާފައި ވަނީ 25 މިލިޔަންކަން ރިޕޯޓުތަކުން ބުނެ އެވެ. މެންސިޓީ އިން ހުށަހަޅާފައިވާ އެއްބަސްވުން ގަބޫލުކޮށްފައިވާކަން އާސެނަލްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ސާމިރު ނަސްރީ އަށް މެންސިޓީ އިން ހުށަހަޅާފައިވާ އެއްބަސްވުމަށް އާސެނަލްއިން ވާނީ ގަބޫލުކޮށްފައި. އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތިން އަހަރު ހުރި ނަސްރީ ޗެމްޕިއަންސް ލީގު ދެވަނަ ލެގުގައި އުދިނޭސީއާ ބައްދަލުކުރާ މެޗުގެ ސްކޮޑުން ވާނީ ބާކީކޮށްފައި. އާސެނަލް ޓީމު އިޓަލީއަށް ފުރާއިރު ނަސްރީ މެންސިޓީގެ މެޑިކަލްގައި ބައިވެރިވުމަށް ދާނެ." އާސެނަލް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
އާސެނަލް ޓީމުން މިސީޒަނުގައި ގެއްލިފައިވާ ފެބްރިގާސްގެ އިތުރުން ނަސްރީވެސް މިވަނީ ގެއްލިފަ އެވެ. މިކަމާއި މެދު އާސެނަލް ކޯޗު އާސެން ވެންގާ ބުނާގޮތުގައި މިސީޒަނުގެ ޓްރާންސްފާ އަކީ އޭނާއަށް އުނދަގޫތަކަކާއި ކުރިމަތިވި ސީޒަނެއްކަމެވެ.
"ނަސްރީއާއި ފެބްރިގާސް މިސީޒަނުގައި ދާއިމީ ގޮތެއްގައި ދާން މަސައްކަތްކުރުމުން އަހަރެންނަށް ވަރަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިވި. އަހަރެމެންނަށް މިވަނީ މުހިންމު ދެކުޅުންތެރިން ގެއްލިފަ ވީނަމަވެސް ވަރަށް އަވަހަށް ކަންތައްތައް ހަމައަކަށް އެޅިގެންދާނެ." އާސެން ވެންގާ ބުންޏެވެ.
އާސެނަލްއަށް 2008 ވަނަ އަހަރު ފްރާންސްގެ މާސޭލް އިން 15.8 މިލިޔަން ޕައުންޑަށް ބަދަލުވި ނަސްރީއަށް އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކި އެއްއަހަރު އޮވުމުން ވަނީ އާކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ހަފްތާއެއްގެ މައްޗަށް 90،000 ޕައުންޑު ލިބޭ ގޮތަށް އާސެނަލްއިން ނަސްރީއަށް ހުށަހެޅި ނަމަވެސް އޭނާވަނީ އެހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލާފަ އެވެ.