10 Mar 2018, 19:04
އެސްޓީއޯ މާލޭ ލީގުގައި މިއަދު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ކްލަބު އީގަލްސްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
މެޗަށް ނުކުތްއިރު އެންމެފަހުން ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއެކު އޮތް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފައިވަނީ ގްރީންއިން ލީގުގައި ކުޅެފައި އޮތް މެޗަކުން ބަލިނުވެ އޮތުމަކީ އީގަލްސްއަށް މެޗު މުހިއްމުވާ ސަބަބެއް ކަމަށެވެ. ގްރީންއިން މިމެޗަށް ނުކުތީ މީގެކުރިން ކުޅުނު ދެ މެޗުން ދެ ޕޮއިންޓާ އެކުގައެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން : އީގަލްސްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އީގަލްސްއިން މިއަދުގެ މެޗު ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އީގަލްސްގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯގެ ބާރު ހަމަލާއެއް ފެނިފައިވާއިރު އޭނާވަނީ ހަތްވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ނަގައިދީފައެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން : އީގަލްސްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ލީޑަށްފަހު މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އީގަލްސްއިންނެވެ. އެހެން ނަމަވެސް ގްރީންއަށްވެސް ވަނީ މެޗަށް އަނބުރާ ވަނުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ގްރީންގެ ފޯވަޑް ރޮލެންޑް ބާސެލް ބިލާލާއަށް ލިބުނު ފުރުސަތާއި ސޮބުލް އިލިއާގެ ހިލޭ ޖެހުން ފާހަގަކުރެވުނެވެ.
ފުރަތަމަ ހާފް ނިމެންދަނިކޮށް އީގަލްސްގެ މުހައްމަދު ނާއިމްގެ އިތުރުން ލުއިޒްގެ ފަރާތުންވެސް ވަނީ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.
ދެވަނަ ހާފަށް ނުކުމު ގްރީނުން ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި މުހައްމަދު ރިޝްވާން (ފުކޭ)ގެ ގޯލުން ގްރީންވަނީ ނަތީޖަ ހަމަހަމަ ކޮށްފައެވެ.
ގްރީނުން ނަތީޖާ ހަމަހަމަކޮށް ހިއްވަރާއެކު ކުޅެން ފެށިނަމަވެސް މާ ގިނައިރު ނަތީޖާ ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ގްރީންގެ ގޯލަށް ފަސް މިނެޓުވެސް ނުވަނީސް ނާއިމްގެ ރީތި ގޯލާއެކު އީގަލްސް އަނެއްކާވެސް ލީޑު ނެގިއެވެ. ނާއިމް އެ ގޯލް ޖެހީ ލުއިޒްގެ ރީތި ހިލޭ ޖެހުމެއް ބޮލުން ގޯލަށް ފިނުވާލައިގެންނެވެ.
ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގުމަށްފަހު އީގަލްސް ކުޅެނީ ތަންކޮޅެއް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެހެން ނަމަވެސް އީގަލްސްގެ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންނާއެކު އީގަލްސްވެސް ދިޔައީ ކައުންޓާ އެޓޭކްގައި ނުރައްކާ ކުރަމުންނެވެ. ދެވަނަ ހާފްގައި އީގަލްސްއަށް ކުޅެން ނުކުތް އަހުމަދު ރިޒުވާން (ރިޒޭ)ގެ ކުޅުން ހާއްސަކޮށް ފާޙަގަކޮށްލެވުނެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން : އީގަލްސްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދުގެ މެޗުން މޮޅުވެ އީގަލްސްއަށް ލިބިފައިވަނީ ތިން މެޗުން ހަތް ޕޮއިންޓެވެ. ގްރީންއަށް ތިން މެޗުން ލިބުނީ ދެ ޕޮއިންޓެވެ.
މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ މާދަމާއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ވެލެންސިއާ ވާދަކުރާއިރު މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބު އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.