މިހާރު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ މެއި މަހު ކުރެވޭ ޝާހީ ކައިވެނީގެ ވާހަކައެވެ. އެ ކައިވެންޏާ ގުޅުންހުރި ގިނަ ވާހަކަތަކަކީ ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަތަކެކެވެ.

ޕްރިންސަސް ޑަޔާނާގެ ދަރިކަލުން ޕްރިސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކްލްގެ ކައިވެނީގައި މޭގަން ލާނީ ކޮންކަހަލަ ހެދުމެއްތޯ ގިނަ ބަޔަކު ބަލަން ބޭނުންވާނެއެވެ. މީގެ ކުރިން އަޑުފެތުރިފައިވާ ގޮތުގައި މޭގަންގެ ހެދުން ފަރުމާކުރާނީ އިސްރާއިލުގެ ޑިޒައިނަރެއްކަމަށްވާ އައިންބާލް ދްރޯރް އެވެ. ނަމަވެސް އެކަން ސީދާ ކަށަވަރެއް ނުވެއެވެ.

މޭގަންގެ ކައިވެނީގެ ހެދުމާ ގުޅޭ އާ ވާހަކަތަކެއް އަނެއްކާވެސް މިވަނީ އާންމުވެފައެެވެ. ހަބަރުތައް ބުނާގޮތުން މޭގަންގެ ވެޑިން ޑްރެސްގެ އަގު ބައި މިލިއަން ޑޮލަރަށް އަރައެވެ. މިއީ މީގެ ކުރިން ކައިވެނީގެ ހެދުމަށް ހަރަދުކުރަން ނިންމާފައިވާ ބަޖެޓަށްވުރެ ދެގުނަ ބޮޑު އަދަދެއް ކަމަށް ހަބަރުތައް ބުނެއެވެ.

ޕްރިންސް ވިލިއަމްސް އާއި ކޭޓް މިޑެލްޓަންގެ ކައިވެނީގައި ކޭޓް ތުރުކުރެއްވި ހެދުމުގެ އަގަކީ 350000 ޑޮލަރެވެ. މޭގަންގެ ހެދުމުގެ އަގު 550000 އަށް އަރާކަމަށް ހަބަރުތައް ބުނެއެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނި އޮންނާނީ 19 މެއި ވާ ހޮނިހިރު ދުވަހުއެވެ.

އެ ދެބޭފުޅުން ކައިވެނި ކުރައްވާނީ ސެއިންޓް ޖޯޖުގެވިންޑްސާ ކާސްލްގައެވެ. ކައިވެންޏަށް ފަހު ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވާނީ ކެންސިންޓަން ޕެލެސްގައި ހުންނަ ނޮޓިންހަމް ކޮޓެޖްގައެވެ.

ކައިވެނީގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޝާހީ އާއިލާގެ ފަރާތުންނެވެ.