އާސެނަލްގެ ޒުވާން ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާ ކުލަބަށް ކާމިޔާބީ ހޯދުމަށް މަސައްކަތްކުރަން ވެއްޖެ ވަގުތު ޖެހިފައިވާ ކަމަށް އެޓީމާއި އަލަށް ގުޅުނު އާ ޑިފެންޑަރު ކާލް ޖެންކިންސަން ބުނެފި އެވެ.

އާސެނަލް ދޫކޮށް ސެސް ފެބްރިގާސް ދިއުމާއި، މެންސިޓީއަށް ސާމިރު ނަސްރީ ދިއުމުގެ އިތުރުން އެކުލަބަށްވަނީ އަނިޔާގެ މައްސަލަތަކަކާއި ވެސް ކުރިމަތިވެފަ އެވެ. އެގޮތުން ލޯރެންޓް ކޮސިއެލްނީ، ޖޯހަން ޖޯރޫ، ރޯމަސް ރޮސިސްކީ އަނިޔާގައި އުޅޭއިރު ޖާވިނިއޯއާއި އެލެކްސް ސޯންގް ހުރީ ސަސްޕެންޝަނުގަ އެވެ.

ޕްރެމިއާ ލީގުގައި އާސެނަލްއިން ކުޅުނު ދެވަނަ މެޗުގައި ލިވަޕޫލްއާއި ވާދަކޮށް 2-0 ލަނޑުން ބަލިވި މެޗުގައި ކާލް ކެންސިންގެ އިތުރުން އިގްނާސީ މިގުއެލް، އެމަނުއެލް ފްރިމްޕޮންގް އަދި ހެންރީ ލާންސްބަރީ ފަދަ ޒުވާން ކުޅުންތެރިން ފެނިފައިވެ އެވެ.

އުމުރުން 19 އަހަރުގެ އިނގިރޭސި އަދި ފިންލެންޑް ޑިފެންޑަރު ކާލް ޖެންކިންސަންއަކީ ޗާލްޓަން އެތުލެޓިކަށް އެގާރަ އަހަރު ކުޅުމަށް ފަހު އެއް މިލިޔަން ޕައުންޑަށް އާސެނަލަށް ބަދަލުވި ޒުވާން ކުޅުންތެރިއެކެވެ.

ޖެންކިންސަންގެ ބައްޕަ އިނގިރޭސި ވިލާތަށް ނިސްބަތްވެ މަންމަ ފިންލެންޑަށް ނިސްބަތްވުމުން އޭނާއަށް ވަނީ ދެގައުމުގެ ގައުމީ ޓީމަށް ކުޅުމަށް ފުރުސަތު ލިބިފަ އެވެ. ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމަށް ޖެންކިންސަން ކުޅުނު އިރު ނަވާރަ އަދި އެކާވީސް އަހަރުން ދަށަށް ކުޅުނީ ފިންލެންޑަށެވެ.

"ކުލަބުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް އެބަތިބި. މިކުޅުންތެރިން ބައިތިއްބާފައި ތިބީ ވަކި މަގްސަދެއްގައި. މިކަހަލަ ދަނޑިވަޅުތަކުގައި މިކުޅުންތެރިން ޖެހޭނެ ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރަން. ފުޓުބޯޅާގައި ކާމިޔާބީއާއި ނާކާމިޔާބީއާ ކުރިމަތިވާނެ. ކޮލިފައިންގެ ފުރަތަމަ ލެގުގައި އުދިނޭސީއާ ވާދަކޮށް މޮޅު ކުޅުމެއް ޓީމުން ދެއްކި. ނަމަވެސް ލިވަޕޫލް މެޗުން ޓީމު ބަލިވީ މެޗުތެރޭގައި ކަންތައްތައް ދިމާވިގޮތުން." ޖެންކިންސަން ބުންޏެވެ.
އާސެނަލާއި އަލަށް ގުޅިފައިވާ ކޮސްޓަރިކާ ފޯވާޑް ޖޯލް ކޭމްޕްބެލްވެސް އާސެނަލާއި ގުޅެވުމުން އުފާވެރި ޝުއޫރުތަކެއް ފާޅުކޮށްފައިވެއެވެ. "އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ބަދަލުވެގެން ހިނގައްޖެ. އާސެނަލްއަކީ ބޮޑު ކުލަބެއް. ކޮސްޓަރިކާގައި ވެސް ނަން މަޝްހޫރު ކުލަބެއް. މިކުލަބާއި ގުޅެވުނީތީ އުފާކުރަން. އާސެނަލްގައި މޮޅު ކޯޗެއްހެ އިތުރުން ހުރި ޒުވާން ކުޅުންތެރިންނަކީވެސް މޮޅެތި ކުޅުންތެރިންތަކެއް." ޖޯލް ކޭމްޕްބެލް ބުންޏެވެ.