ވޮޝިންޓަން (މާޗް 10): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބައްދަލުވުމެއް ބޭއްވުމަށް އެގައުމާ އެކު އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އެފަދައިން ވިދާޅުވީ ލީޑަރު ކިމް އާ ބައްދަލުކުރެއްވުމަށް އޭނާ ދައުވަތު އެރުވުމުން، އެ ދައުވަތު ގަބޫލުކުރެއްވުމަށް ފަހުގަ އެވެ. މީގެ ކުރިން އެމެރިކާގެ އެއްވެސް ރައީސަކު އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރައްވާފައެއް ނުވެ އެވެ.

ޓްރަމްޕް މިއަދު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު އެއްބަސްވުމެއް ހަދައިފި ނަމަ އެވާނީ މުޅި ދުނިޔެއަށް ވެސް ފައިދާ ހުރި ކަމަކަށެވެ. އަދި ދެ ގައުމުގެ ލީޑަރުން ބައްދަލު ކުރާނެ ތަނަކާއި ގަޑިއެއް ހަމަޖައްސާނެ ކަމަށް ވެސް އެޓުވީޓުގައިވެ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން ލީޑަރު ކިމްއާ ބައްދަލު ކުރެއްވުމަށް ޓްރަމްޕް ނިންމެވީ އެކަމާ ގުޅުން ހުރި އެއްވެސް ބޭފުޅަކާ މަޝްވަރާ ނުކުރައްވަ އެވެ.

އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވަނީ ކިމްގެ ދައުވަތު ގަބޫލު ކުރައްވަން ޓްރަމްޕް ނިންމެވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވެފަ އެވެ. ޓިލާސަން އެފަދައިން ވިދާޅުވީ އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ޖިބޫޓީގައި ހުންނަވައިގެންނެވެ.

ލީޑަރު ކިމްގެ ދައުވަތު ޓްރަމްޕަށް އެރުވީ މީގެ ކުރިން އުތުރު ކޮރެއާއަށް ވަޑައިގެން، ކިމްއާ ބައްދަލު ކުރެއްވި ދެކުނު ކޮރެއާގެ ވަފުދަކުންނެވެ. އަދި އުތުރު ކޮރެއާ އިން ވަނީ ނިއުކްލިއާ ހަތިޔާރު ނައްތާލެކަމުގެ ޔަގީންކަން ދީފައި ކަމަށް ވެސް އެވަފުދުން ބުންޏެވެ. (ބީބީސީ)