މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގެ 16 ބައިވެރިންގެ ހުށަހެޅުންތައް ނިންމާލައިފިއެވެ.

މިރޭ އޮތީ ޕިއާނޯ ރައުންޑުގެ ދެވަނަ ގުރޫޕުގެ އަށް ބައިވެރިންގެ ލަވަތަކެވެ. ވާދަވެރި ބައިވެރިންތަކެއް ތިބި ގްރޫޕުން ވެސް ވަނީ ރީތި ލަވަތަކެއް ހުށަހަޅައިދީފައެވެ.

މިރޭ ލަވަ ހުށަހަޅައިދިނީ ހަސަން ޝަހުދާނާއި، އިބްރާހިމް ޝަމީލް، ސައިނާ މުހައްމަދުގެ އިތުރުން މަރިޔަލް ސަލްވާ، އަހުމަދު ނަޒީހު، މޫސާ އިޝާން އަދި ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްލުއްލަތީފް އެވެ.

މި އަށް ބައިވެރިންގެ ތެރެއިން ސައިނާ އާއި ޝަހުދާން އަދި ޝަމީލް އަކީ ތިއޭޓާ ރައުންޑުގެ ސޯލޯ ޕާފޯމަންސް އަށް ފަހު ގޯލްޑަން މައިކާއެކު ޕިއާނޯ ރައުންޑަށް ދަތުރުކުރި ތިން ބަިއވެރިންނެވެ.

މި އަށް ބައިވެރިންނަށް ވޯޓު ލުމުގެ ފުރުސަތު މާދަމާ ހަވީރު ހަތްރެއްގެ ނިޔަލަށް ހުޅުވާލާފައިވާއިރު މާދަމާރޭގެ ޝޯގައި މީގެ ތެރެއިން ދެ ބައިވެރިއަކު އައިޑަލް އާ އައްވަދާއު ކިޔާނެއެވެ.

މިދިޔަ ހަފްތާވެސް ދެ ބައިވެރިއަކަށް އައިޑަލްގެ ދަތުރު ނިމިފައިވާއިރު ގަދަ 12 އަށް ދަތުރުކުރާ ބައިވެރިން މާދަމާރޭ ކަށަވަރުވާނެއެވެ.