އެފްއޭ ކަޕްގައި ވިގަން އެތުލެޓިކޯއާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ކޯޗު ޕެޕް ގާޑިއޯލާ ބޭނުންކުރި ރީނދޫ ރިބަންކޮޅެއްގެ ސަބަބުން އިނގިރޭސި އެފްއޭއިން އޭނާ ޖޫރިމަނާކޮށްފިއެވެ.

އިނގިރޭސި އެފްއޭއިން ގާޑިއޯލާ ޖޫރިމަނާކޮށްފައިވަނީ 20،000 ޕައުންޑަށެވެ. އެފްއޭގެ އެގްޒެކެޓިވް ޗެއާމަން މާޓިން ގްލެން ވިދާޅުވީ ގާޑިއޯލާގެ ރިބަންކޮޅުން ދެނީ ސިޔާސީ މެސެޖެއް ކަމަށާއި، އެކަން ކަމަކީ އެފްއޭއަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. ގާޑިއޯލާގެ އަމަލު އެފްއޭގެ ހެދުން އެޅުމުގެ އުސޫލުތަކާ ހިލާފް ކަމަށްވެސް ގްލެން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ގާޑިއޯލާގެ ސިޔާސީ ހަރަކާތްތަކެއްގެ ސަބަބުން އެފްއޭއިން އޭނާއަށް އިންޒާރު ދީފައިވާ އިރު، އެފްއޭއިން ގާޑިއޯލާ ބޭނުންކުރާ ރީނދޫ ރިބަންކޮޅުގެ މައްސަލައަށްވެސް ޖަވާބުދާރީވުމަށް ކުރިން ވަނީ އަންގައިފައެވެ.

ގާޑިއޯލާ ބޭނުންކުރާ ރިބަންކޮޅު ބޭނުން ނުކުރުމަށް އެފްއޭއިން އެންގުމުން ގާޑިއޯލާ ބުނީ އޭނާގެ ރިބަންކޮޅު ރަމްޒުކޮށްދެނީ ސިޔާސީ މެސެޖެއް ނޫން ކަމަށާއި، އެއީ ޑިމޮކްރަސީއަށް ދޭ މެސެޖެއް ކަމަށެވެ.

ގާޑިއޯލާގެ ރީނދޫ ރިބަންކޮޅު ރަމްޒުކޮށްދެނީ ސްޕެއިންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކެތަލޫނިއާގެ ސިޔާސީ ދެ ބޭފުޅެއްކަމަށް އޭނާ ވަނީ ކުރިން ބުނެފައެވެ. އަދި ގާޑިއޯލާ ފާހަގަކުރެވެނީ ކެތަލޫނިއާގެ މިނިވަން ކަމަށް ފާޅުގައި ވަކާލާތު ކުރާ މީހެއްގެ ގޮތުގައެވެ.

އެފްއޭއިން މިއަދު ގާޑިއޯލާ ޖޫރިމަނާކޮށް، އޭނާއަށް ރިބަންކޮޅު އިތުރަށް ބޭނުންނުކުރުމަށް ވަނީ އިންޒާރުވެސް ދީފައެވެ. ގާޑިއޯލާ މިހާރު ދަނޑުގެ ސަރަހައްދުގައި ރިބަންކޮޅު ބޭނުންނުކުރި ނަމަވެސް ހުރިހާ ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި އަދިވެސް އޭނާ ރިބަންކޮޅު ބޭނުންކުރެއެވެ.