މި މަހުގެ ތިންވަނަ ދުވަހު ހދ. ނޮޅިވަރަމްގައި ދަންޖެހި މަރުވެފައިހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު ވަޅުލައިފިއެވެ.

ޝާހިދާގެ ޕޯސްޓް މޯޓަމެއް ހަދަން މިމަހުގެ ހަ ވަނަ ދުވަހު ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ. ޝާހިދާގެ ހަށިގަނޑު މާލެ ގެނެސް ވަލުލާފައިވަނީ އިއްޔެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގިފިލީގަ އެވެ. އަދި އޭނާއަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަން ވަނީ އެނގިފަ އެވެ.

ޝާހިދާގެ ހަށިގަނޑު އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔައީ އެ އަތޮޅު ކުޅުދުއްފުއްޓަށެވެ. އަދި ފަހުން ހުކުރު ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ވަނީ މާލޭ ގެނެސްފަ އެވެ.

ފުލުހުން މީގެ ކުރިން ބުނީ ޝާހިދާގެ ހަށިގަނޑު މާލެ ގެނެސް ތަހުގީގުކުރަން ނިންމީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާ އަށެވެ.

ޝާހިދާއަކީ ދާދި ފަހުން އެ ރަށުން ގެއްލިގެން ފުލުހުން ހޯދި އަންހެން މީހާ އެވެ. އެފަހަރު އޭނާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ. އޭނާގެ ދެ ދަރިންވެސް ތިބެ އެވެ.