ކުކުޅު ލިބުން ދަތިވެގެން އިނގިރޭސިވިލާތުގައި ކޭއެފްސީ އިން ހިންގަމުން އަންނަ އެތައް ސަތޭކަ ރެސްޓޯރެންޓެއް ބަންދުކުރިތާ ހަތަރު ހަފްތާވެފައިވާއިރު، އެ އައުޓްލެޓުތައް އަލުން ހުޅުވަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން ކޭއެފްސީއިން މިހާރު ނިންމާފައިވަނީ އިނގިރޭސިވިލާތުގައި އެމީހުންނަށް މީގެކުރިން ކުކުޅު ސަޕްލައިކޮށްދިން ބިޑްވެސްޓާއެކު އަލުން އެއްބަސްވުމެއް އެކުލަވާލައި، މާޗް މަހުގެ ފަހުކޮޅުން ފެށިގެން ވިޔަފާރި އަލުން ކުރިއަށް ދިއުމަށެވެ.

ކޭއެފްސީއަށް އެންމެ ފަހުން ކުކުޅު ސަޕްލައިކޮށްދިނީ ޑީއެޗްއެލްއިންނެވެ. ޑެލިވަރީ މައްސަލައެއް ދިމާވެ، ޑީއެޗްއެލްއަށް ސަޕްލައިކޮށްނުދެވުމުގެ ސަބަބުން ކޭއެފްސީއަށް ވަނީ އިނގިރޭސިވިލާތުގައި ބޮޑު ގެއްލުމެއް ލިބިފައެވެ.

ކޭއެފްސީގެ ޑެލިވަރީ ޑީއެޗްއެލްއަށް ދިނުމުން އޭގެކުރިން ކުކުޅު ޑެލިވަރީކޮށްދިން ބިޑްވެސްޓުން ވަނީ 255 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އަލުން އާ ކޮންޓްރެކްޓެއް ލިބުމާއެކު އެ މުވައްޒަފުންނަށް ގުޅައިގެން ވަޒީފާ ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިޑްވެސްޓުން ބުނެއެވެ.

ކުކުޅު ނުލިބެގެން ބަންދުކުރި އައުޓްލެޓުތަކުގެ 97 ޕަސެންޓް ރެސްޓޯރެންޓު މިހާރު ހުޅުވާފައިވާއިރު އަދިވެސް މެނޫއިން ލިބެނީ ލިމިޓެޑް އައިޓަމްތަކެކެވެ.