09 Mar 2018, 22:39
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ބ. އަތޮޅު ބުރުގައި ފަހަތުންއަރައި އޭދަފުށި ބަލިކޮށް ފެހެންދޫން ޒޯން ބުރުގެ އުންމީދު އައުކޮށްފިއެވެ.
މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބ. އަތޮޅުން ބައިވެރިވެފައިވަނީ ދެޓީމެވެ. ދެ ޓީމު ބައިވެރުވުމުން އެ އަތޮޅުގެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ދެ މެޗެވެ.
މިއަދު އޭދަފުށީ ދަނޑުގައި ކުޅުނު މެޗު ފެހެންދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ މިނެޓުގައި އޭދަފުށްޓަށް ލީޑު ނަގައިދިނީ އަހުމަދު ހަނީފެވެ. އޭގެ ފަސް މިނެޓްފަހުން ފެހެންދޫންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ފެހެންދޫގެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ރީހާނެވެ.
ފުރަތަމަ ހާފް 1-1 ގެ ނަތީޖާއަކުންް އެއްވަރުވެގެން ނިމިފައިވާއިރު ދެވަނަ ހާފްގައި ފެހެންދޫންވަނީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި އާދަމް ނަސީމްގެ ގޯލުން މެޗުގެ ލީޑު ނަގައި، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އިބްރާހީމް މާޖިދުގެ ގޯލުން ފެހެންދުވަނީ ނަތީޖާ 3-1 އަކަށް ބަދަލުކޮށްލައިފައެވެ.
ބ. އަތޮޅު، އަތޮޅު ބުރުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާ ދެވަނަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެ މެޗުވެސް ކުރިއަދާނީ އޭދަފުށީ ފުޓުބޯޅަ ދަނޑުގައެވެ.