އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ސީލައިފްއާއެކު 80 ހައުސިން ޔުނިޓް އެޅުމަށް ވެވުނު އެއްބަސްވުން މި ސަރުކާރުން އުވާލި ނަމަވެސް ގެއްލުމުގެ ބަދަލުގައި އެއްވެސް ފައިސާއެއް ދޭން ނުޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސީލައިފަށް ބަދަލުގެ ގޮތުގައި 185 މިލިޔަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ މީޑިއާ ތަކުގައި ފެތުރެމުންދާ ވާހަކަ ތަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.

" ސަރުކާރުން ސީލައިފަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ. އެ އެގްރީމަންޓް އުވާލީ އެއްބަސްވުމާ އެއްގޮތައް މަސައްކަތް ކުރިއަށް ނުދާތީ،" ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ ސީލައިފްއާ ކުރީގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމަކީ ބ. އަތޮޅު ތުޅާދޫގައި 80 ހައުސިން ޔުނިޓް އަޅައިދޭ މަތިން ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ލަގްޒަރީ ވޯޓާ ވިލާ ތަކެއް އަޅަން ތަނެއް ދިނުން ކަމަށެވެ. ނަމަވެސް ފަހުން އެ އެގްރިމަންޓް ބާތިލް ކުރި ކަމަށް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ އެ އެގްރިމަންޓް ބާތިލް ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި އެއްބަސް ވުމުގައި ގެއްލުމުގެ ބަދަލު ދޭން ނޯންނާނެ ކަމަށެވެ.