09 Mar 2018, 21:55
ވަކި އުމުރެއް، ވަކި ގައުމެއް ނެތެވެ. ވަކި ނަސްލެއް ވަކި ފަންތިއެއް، ވަކި ގިންތިއެއްވެސް ނެތެވެ. ހުޅުމާލޭ ސެންޓްރަލް ޕާކަށް އިރުގެ ދޯދިތައް މިއަދު ފާއްދާލީ ހާއްސަ ކަމަކާ އެކީގައެވެ. އެ ސަރަހައްދައް ޖަމާވަމުންދިޔަ އެތަކެއް ހީވާގި ކަނބަލުންނާ އެކުއެވެ.
މަންމައިންނާއި މާމައިންނެވެ. ކުޑަ ދަރިފުޅާއި އެކުވެރިންވެ. ޓީޗަރުންނާއި މުދައްރިސުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. މުޅި ހުޅުމާލޭ ސެންޓްރަލް ޕާކް ފުރާލީ ގައުމުގެ 'ރާނީން'ނެވެ. ހުސް ކަނބަލުންނެވެ.
މިއަދުގެ ދުވުމުގައި ހަރަކާތްތެރިވި އަންހެން ފޮޓޯގްރަފަރެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ތައްޔާރުވީ ބޮޑު ޗެލެންޖަކަށެވެ. ރާއްޖޭގެ ފުރަތަމަ އޮބްސްޓެކަލް ރަންއަށެވެ. ފިސާރި އަންހެން ކަނބަލެއް ކަމަށްވާ "ޑީޖޭ އެންޖީ"ގެ މަޑު މޮޅި ގައުމީ ލަވަތަކުން ފަތިހުގެ ނިދިން ހޭލައްވާލިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ވިމަން އިން މެނޭޖުމަންޓްގެ ދިވެހިރާއްޖޭގެ ގޮފިން ބޭއްވި، ރާއްޖޭގެ ފުރަތަމަ އޮބްސްޓެކަލް ދުވުން، އަދި ހަމައެކަނި ކަނބަލުންނަށް ދުވެވޭ ފުރަތަމަ ދުވުމަށް ބައިވެރިވާން މާލޭން ހުޅުމާލެއަށްދިޔަ މުރާލި ކަނބަލުން ފަތިހު 5:30 އިން ފެށިގެން ފެރީތައް ފުރާލިއެވެ.
5000 އަށްވުރެ ގިނަ ކަނބަލުން ހޭވައްލާ ދުވުން ފެށުމަށް ތައްޔާރުކޮށް ފަތިހުގެ ފިނިކަން ކަނޑުވާލާ 'ވާމް އަޕް" ކޮށްދިނީ ދުވުމުގެ ފިޓްނަސް ޕާޓްނާ 'ޓްރައިން ވިތު ކައި"ގެ ކައިޝާން ސަލީމް (ކައި)އެވެ. ކައި އާއި އެކީ މިދުވުމުގެ ހަރަކާތްތަކުގެ ފިޓްނަސް ބަލަހައްޓައިދިނީ ޝީފިޓްނަސްއިން ނީނާ (ނީން) އެވެ. ކައި އަދި ނީންއާއެކު އެކީ އެއްޑަކަށް ފަހެއް، ހަަތަރެއް، ތިނެއް، ދެއެއް، އެކެއް ކިޔާ އެންމެން އެއް ވާނަކަށް ދުވުމަށް ނައްޓާލިއިރު ހިނިތުން ވުމެއް ނުފެންނަ އެއްވެސް މޫނެއް ނެތެވެ. ހަގީގަތުގައިވެސް ކަނބަލުން ދިޔައީ ކުރިއަށެވެ. އަމިއްލައަށް ކުރިއެރުމަށް އެޅުނު ފިޔަވަޅަށް ފަހުރުވެރިކަމާއެކު ކުދި ބޮޑު އެންމެން ދުވަމުންދިޔައީ 'ޕްރޮގްރެސް' އާ ދިމާއަށެވެ.
ރާއްޖޭގެ އިތުރުން އެހެނިހެން ގައުމުތަކުގެ ކަނބަލުންވެސް މިއަދުގެ ދުވުމުގައި ބައިވެރި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދޭން ބޭނުންވި މެސެޖު ދިނީ އޮބްސްޓެކަލްސްތައް
އުމުރުން ދެ އަހަރުގެ ބައިވެރިންނުން ފެށިގެން އުމުރުން 67 އަހަރުގެ ބައިވެރިޔާވެސް މިއަދުގެ ދުވުމުން ދޭން ބޭނުންވީ ހަމަ އެއް މެސެޖެކެވެ. ދުވުން އިންތިޒާމްކުރި ވިމަން އިން މެނޭޖްމަންޓްގެ ރައީސާ މިންހާ ފާއިޒްވެސް ދޭން ބޭނުންވި މެސެޖެވެ.
"އަޅުގަނޑުމެން މިހާ ގިނަ ކަނބަލުންނާއެކު މިކަން ކުރިއަށް ގެންދެވުމުން ދޭން ބޭނުންވި މެސެޖު ވަރަށް ބޮޑަށް ދެވިގެންދޭ. ހެނދުނުގެ މި ވަގުތުގައި ވަރަށް ގިނަ ކަނބަލުންނާއެކު މި ކުރިއަށް ގެންދިޔައީ. ފުރަތަމަ ފަހަރަށް ރާއްޖޭގައި މިހާ ގިނަ އަންހެން ބޭފުޅުން، ހަމައެކަނި އަންހެން ބޭފުޅުން ބައިވެރިވި ދުވުމެއް މި ކުރިއަށް ގެންދިޔައީ. އޮބްސްޓެކަލްތަކުން މި ދައްކުވައިދެނީ އަންހެން ބޭފުޅުންނަށް ދިރިއުޅުމުގައި ކުރިއަށްދާން ދިމާވާ ހުރަސްތަކާއި ކުރިމަތިވާ ދަތިތައް. އެކަންކަންވެސް ކަޑައްތުކޮށް ދުވުމުގެ ބައިވެރިން ކުރިއަށް ގޮސް، ދުވުން ނިންމާލުމުން ދެވޭ މެސެޖަކީ އަންހެން ބޭފުޅުން ކުރިއަށް ނުކުމެ ކުރިއަށް ދާނެކަން،" މިންހާ ފާހަގަކުރެއްވިއެވެ.
ވިމަން އިން މެނޭޖްމަންޓްގެ ރައީސާ މިންހާ ފާއިޒް --- ފޮޓޯ/ މުހައްމަދު އަފްރާހް
ދުވުމުގެ ދިގުމިނަކީ 3.7 ކިލޯ މީޓަރެވެ. ނިންމާލުމަށްޓަކައި ތިން އޮބްސްޓިކަލް ކޯހެއް ފުރިހަމަ ކުރަން ޖެހެއެވެ. ހިތްވަރާއެކު އެތައް ކަންބަލުންނެއް ރޭސް ނިންމާލިއިރު ދުވުމުގައި ބައިވެރިވި 2000 އަށްވުރެ ގިނަ ގާލް ގައިޑުންވެސް ވަކި ދުލެއް ނުކުރެއެވެ. އެކުދިންނަށް ހައްގުވާ ހާއްސަ ބެޖަށްޓަކައި ރޭސް ނިންމާލީ ޖޯޝާ ފޯރީގައެވެ.
ކޮކާކޯލާގެ ފަރާތުން ކަރު ތެއްމާލަމުން ދިޔައިރު ރޭސް ނިންމާ ހުރިހާ ފަރާތްތަކަކުންވެސް އެކުވެރި މަޖާ މާހައުލެއްގައި ލިބުނު މެޑައްޔާއެކު ފޮޓޯ ނަގާލަނީ ފަހުރުވެރިކަމާއެކުގައެވެ. އަންހެނުނަށް ވީތީ ފަހަށް ޖެހޭނެ އެއްވެސް ކަމެއް ނެތްކަން ހަނދާނަށް ގެނުވަމުންނެވެ.
މިއަދުގެ ރޭހުގައި ތިން އޮބްސްޓެކުލް ކޯހެއް ދުވުންތެރިންވަނީ ފުރިހަމަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއީ ފެށުމަށް - ކުރިއަށް ގިނަ ކަންކަން ފެންނާނެ
"މިފަހަރު އަޅުގަނޑުމެން 3.7 ކިލޯ މީޓާސްގެ ދުވުމެއް ކުރިއަށް މި ގެންދިޔައީ. އެކަމަކު ކުރިއަށް އޮތް ތާނގައި މިއަށްވުރެ ބޮޑުކޮށް މި ދުވުން އަންނަ އަހަރެވެސް ކުރިއަށްދާނެ. މިހާ ގިނަ ބަޔަކާއެކު ފެށިގެން ދިއުމުން ވަރަށް ބޮޑަށް އުފާކުރަން. ކުރިއަށް އޮތް ތާންގައި ގިނަ ހަރަކާތްތަކެއް ފެންނާނެ"، ވިމަން އިން މެނޭޖްމަންޓްގެ ރައީސާ މިންހާ ވިދާޅުވިއެވެ.
ދިވެހި ކަނބަލުންނަށް ހާއްސަ ފުރަތަމަ ދުވުން ނިންމާލީ ހިނިތުންވުމުގެ ޖައްވަކުންނެވެ. އުފާވެރި ކަމާއެކު އޮބްސްޓެކަލްތައް ކަޑައްތުކޮށް ރޭސް ނިންމާލީ ފުން މެސެޖުތަކަކާއެކުގައެވެ. ވަކި އުމުރެއް ވަކި މަގާމެއް، ވަކި ދާއިރާއެއް ތަފާތުކުރުމެއް ނެތިއެވެ.
މިއަދުގެ ދުވުމުގައި އެކިއެކި އުމުރުފުރާތަކުން ގާތް ގަނޑަކަށް 5000 އެއްހާ ކަނބަލުންވަނީ ބައިވެރިވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދުވުމުގެ ޕާޓްނަރުން ކަމަށްވާ ޓްރެއިން ވިތު ކައި، ސެއިންޓްއާރޓް، ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީސީސީގެ އިތުރުން އުރީދޫ، ޑްރީމްސް ސެލޫން، ދިވަސް އަދި ގާލް ގައިޑް އެސޯސިއޭޝަންވެސް ނެގި އިސްނެގުމަކީ ކަނބަލުންނަށްޓަކައި ނެގި އިސްނެންގެވުމެކެވެ. މީޑިއާ ޕާޓްނަރު ސަން މީޑިއާ ގްރޫޕްވެސް ހިމެނޭ ގޮތަށް މި ހުރިހާ ޕާޓްނަރުންނަށް އިވެންޓްގެ އޯގަނައިޒަރުގެ ފަރާތުން މިންހާވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. ދުވުން ކުރިއަށް ގެންދެވުނީ ސްޕޮންސަރުންގެ އެހީތެރިކަމާ އެކުގައި ކަމުން ދުވުމުގެ ކޯ ސްޕޮންސަރސް ގްރީންބޮކްސް، އެމްޕީއެލް، ލައިފް ސަޕޯރޓް އަދި ތިލަފުށި ކޯޕަރޭޝަންގެ ނަން މިންހާ ވަކިން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ރެޑްކްރެސެންޓް އިން ތަނުގެ މެޑިކަލް ބަލަހައްޓައިދިން އިރު، މޯލްޑިވްސް ޕޮލިސް އަދި ކެޑޭޓް އާއި ގައިޑްސް ގެ ވޮލަންޓިއަރސް ވަނީ ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދީފައެވެ. އައި ހުޅުމާލެ ހޮސްޕިޓަލްވެސް އޮތީ މިދުވުމަށްޓަކައި އެލަރޓްގައެވެ. ދުވުމުގެ އޮބްސިޓަލްސްތައް ރާވައި އަތުރައި ދިނީ އެމްއެންޑީއެފުންނެވެ. މިފަދަ ބޮޑު ރޭހެއް ކުރިއަށް ދިޔައިރު މިހާބޮޑަށް ތަނުގެ އިންތިޒާމު ބެލެހެއްޓިފައި އޮތީ ހަމަގައިމުވެސް އެކަމަށް އިސްނެންގެވި ބޭފުޅުން ދެއްވި އެއްބާރުލުންކަން ޝައްކެއްނެތެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންވެސް މިއަދުގެ ދުވުމުގައި ވަނީ ބައިވެރިވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެތައް ކަނބަލުންނަކާއެކު ހުޅުމާލޭ ސެންޓްރަލް ޕާކަށް މިއަދު ގެނުވި އުޖާލާ ކަމަކީ ފެށުމެކެވެ. ދިވެހި އަންހެނުނަށްވެސް ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށާއި އަނެއްކާވެސް ކުރިއެރުމަށް އިތުރު ފިޔަވަޅެއް އަޅަން ތައްޔާރުކަން ދައްކައިލައިފިއެވެ. މުޖުތަމައެކުގައި އަންހެނުންގެ ހަމަހަމަކަމާ ބާރުވެރިކަމަށް މަޑުކުރަން ނުޖެހޭކަން ދައްކައިލައިފިއެވެ. މާދަމާ ފެށުމަށް ލަސްނުކޮށް މިއަދުވެސް އެކަމަށް ކުރިއަށްދާން ވީކަން މިއަދުގެ ބޮޑު ދުވުމުން ސާބިތުކޮށްދީފިއެވެ.