ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުވާ ބޭސްތައް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

އެމިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި "ލޫސްޕެކް" (ވަކިވަކިން ރަބަރު ޕެކެޓް) ގައި ބޭސް ބަންދުކޮށް ފުރިހަމައަށް ލޭބަލް ނުކޮށް، ފާމަސީތަކާއި ދިވެހި ބޭސްވިއްކާ ތަންތަނުގައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.

ވަކިވަކިން ރަބަރު ޕެކެޓް ގައި ބޭސް ވިއްކާއިރު ލޭބަލްގެ މައުލޫމާތު ފުރިހަމަ ކުރުމަށް އެ މިނިސްޓްރީ އިން ވަނީ ހަނދާކޮށް ދީފައެވެ.

އެގޮތުން ބޭހުގެ ނަމާއި ޖެނެރިކް ނަން، ބެހުގެ ބާރުމިން، ބޭސް އުފައްދާ ކުންފުންޏާއި ގައުމު، ބޭސް ބޭނުންކުރަން ޖެހޭ ވަގުތުތައް، ބޭސް ބޭނުންކުރެވޭނެ ވަގުތު، މުއްދަތު ހަމަވާ ތާރީޚް އަދި ބެޗް ނަންބަރު އެނގޭނެހެން ލޭބަލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ ބޭސް ވިއްކާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އަމަލު ކުރާ "ބޭހާ ބެހޭ ގަވާއިދު" ބުނާގޮތުން ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުވާ ބޭސްތައް އިމްޕޯޓްކޮށް ވިއްކުމަކީ މަނާ ކަމެކެވެ.