09 Mar 2018, 21:15
މީގެ ކުރިން ގައުމީ ފެންވަރުގެ ޕްރޮގްރާމުތަކަށް ޚާއްސަކޮށް، ކޮންޓްރޯލުކޮށްގެން ވިއްކަމުންދިޔަ އިންފުލުއެންޒާ ވެކްސިން އާންމުންނަށް ބޭސްފިހާރަތަކުން ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންފުލުއެންޒާ ވެކްސިން އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް "ޕްރިސްކްރިޕްޝަން އޮންލީ" ނުވަތަ ނުވަތަ ޑޮކްޓަރެއްގެ ބޭސް ސިޓީ އަށް އާއްމުކޮށް ވިއްކޭ ވެކްސިންއެއްގެ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިއާއެކު އިންފްލުއެންޒާ ވެކްސިން ފާމަސީތަކުން މިބޭސް ސިޓީއަށް އާއްމުކޮށް ވިއްކަން ބެހެއްޓޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެ މިނިސްޓްރީ އިން ބުނީ އިންފްލުއެންޒާ ވެކްސިނަކީ އުފައްދާ ވަގުތުން ފެށިގެން ބޭނުން ކުރުމާ ހަމައަށް ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސް އާ ދެމެދުގައި ފިނިހޫނުމިން ނުބަހައްޓައިފިނަމަ ހަލާކުވާނެ އެއްޗެއް ކަމަށެވެ. އަދި އެނޫން ގޮތަކަށް އެ ވެކްސިން ބަހައްޓައިގެން ބޭނުންކޮށްފިނަމަ އޭގެ ސަބަބުން ސިއްހަތަށް ނުރައްކާ ކޮށްފާނެ ކަމަށްވެސް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ފާމަސީ އަދި ބޭސް ރައްކާކުރާ ގުދަނުގައި ވެކްސިން ބަހައްޓާއިރުވެސް އެ ފިނިހޫނުމިނުގައި ބެހެއްޓުމަށާއި ބޭސް ސިޓީއަށް ވެކްސިން ދޫކުރާއިރު ވެސް އެ މައުލޫމާތު އޮޅުންފިލުވައި ދިނުމަށް ފާމަސިސްޓުން ނަށް އިލްތިމާސްކުރާ ކަމަށްް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.
ވެކްސިން ޕެކް ކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާއެއްގައި ވެކްސިންއަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެންގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނާގައި ހިމެނެންވާނެ ކަމަށް ވެކްސިން އިމްޕޯޓް ކުރުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުގައި ވެއެވެ.