10 Mar 2018, 09:50
ޝާހްރުކް ޚާން އާއެކު "ޑޮން 3"ގެ ލީޑުން ފެންނާނެ އަންހެން ފަންނާނަކީ ޕްރިޔަންކާ ޗޯޕްރާ ނުވަތަ ދީޕިކާ ޕަދުކޯން ކަމަށް ބުނެ ކުރެވެމުން އަންނަ ބަހުސަށް ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ނިމުން ގެނެސްފިއެވެ.
"ޑޮން 2" ރިލީޒް ކުރިތާ ހަތް އަހަރު ފަހުން، އެ ފްރެންޗައިޒްގެ ތިންވަނަ ފިލްމެއްގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ފިލްމުގެ ސްކްރިޕްޓް ތައްޔާރުވެ، ޝާހު އާއެކު ފިލްމު އިއުލާނުކޮށްފައިވީ ނަމަވެސް، ފިލްމުގެ އަންހެން ލީޑު އަދިވެސް ހަމަނުޖެހެއެވެ.
ފުރަތަމަ ދެ ފިލްމުން ވެސް ފެނިގެން ދިޔައީ ބަތަލާ ޕްރިޔަންކާއެވެ. ނަމަވެސް ޕްރިޔަންކާ ބިޒީ ވުމުން ތިންވަނަ ފިލްމަށް ވަގުތު ދެވޭކަށް ނެތެވެ.
އެހެންކަމުން ފިލްމުން ފެނިގެންދާނީ ދީޕިކާ ކަމަށް ވާހަކަތައް ދެކެވެން ފެށިއެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވަނީ އެކަން ދޮގުކޮށްފައެވެ.
މިހާރު މިވަނީ ފިލްމުން ޕްރިޔަންކާ އަދި ދީޕިކާ ވެސް ނުފެންނާނެކަން ޔަގީންވެފައެވެ. އެކަން ޔަގީންކޮށްދިނީ އިއްޔެ ޓްރޭޑް އެނަލިސްޓް ރަމޭޝް ބާލާ ކުރި ޓުވީޓަކުންނެވެ.
ރަމޭޝް ބާލާގެ ޓުވީޓުގައި ބުނެފައިވަނީ "ޑޮން 3"ގެ އަންހެން ލީޑުން ފެނިގެންދާނީ މުޅިން އާ މޫނެއް ކަމަށެވެ.
ދުބާއީ އަދި އަބޫދާބީގައި ޝޫޓުކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ރަމޭޝްގެ ޓުވީޓުގައި ބުނެފައިވެއެވެ.
މިހާރު އެންމެންވެސް ތިބީ ޝާހު އާއެކު "ޑޮން 3"އިން ފެނިގެންދާނެ އާ ފަންނާނެއް ހޯދުމަށް ކެތްމަދުވެފައެވެ.
ޝާހު މިހާރު ކުރަމުން އަންނަނީ އާނަންދު އެލް ރާއީގެ ފިލްމު "ޒީރޯ"ގެ މަސައްކަތެވެ. އެ ފިލްމުގެ ޝޫޓިން ނިމުނުހާ އަވަހަކަށް، ޝާހްރުކް ޚާން "ޑޮން 3"ގެ މަސައްކަތް ފަށާނެއެވެ.
'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރުއެވެ. އެ ފިލްމުގައި ފެނިގެންދިޔައީ އަމީތާބު ބައްޗަންއެވެ. އެއަށްފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރިއެވެ. 'ޑޮން 2' ރިލީޒްކުރީ 2011 ވަނަ އަހަރުއެވެ.
ފަރްހާން އަޚްތަރު ޑައިރެކްޓުކުރާ އެ ފިލްމު ސީރީޒަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. 'ޑޮން' ސީރީޒްގެ ފިލްމުތަކުން ވަނީ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެ އަދި ފާހަގަކޮށްލެވޭ އެވޯޑުތައް ހޯދައިފައެވެ.