09 Mar 2018, 18:46
އުފެއްދުންތެރި ޚިޔާލުތަކެއް ބޭނުން ކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން "ޕިކް މޯލްޑިވްސް" އިނީޝިއޭޓިވް އިން އުފެއްދި ފޮޓޯބުކް، ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން ފެއާގައި ރަސްމީކޮށް އިއްޔެ ލޯންޗު ކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ އެ ފެއާގެ ރާއްޖޭގެ ސްޓޭންޑުގައި "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް" ނެރެދެއްވީ، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދެވެ.
ބިޒްނަސް ޓު ކަސްޓަމާ އިނީޝިއޭޓިވް އެއްގެ ގޮތަށް، ސީދާ ކަސްޓަމަރުންނަށް ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް އުފެއްދި އެ ފޮތަށް ތައުރީފު ކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެ އިސްތިހާރު ކުރުމަށް ޒުވާން ބޭފުޅަކު އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.
ޖަމީލާ ވިދާޅުވީ، ޕިކް މޯލްޑިވްސްގެ ފޮޓޯބުކްގެ ފުރަތަމަ އެޑިޝަން ނެރެދެއްވުމަކީ އެކަމަނާއަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަދެއް ކަމަށެވެ.
ޕިކް މޯލްޑިވްސް ފޮޓޯބުކް ވުޖޫދަށް ގެނައި އަދި ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިއާޔަތު އަބްދުލްޖަމީދު ބާލިންގައި ހުރެ "ސަން" އަށް ވިދާޅުވީ، އިއްޔެ ދުނިޔޭގައި ފާހަގަކުރި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގައި ޖަމީލާ ފަދަ ގާބިލް، ހުނަރުވެރި އަދި އެހާމަ އިހްތިރާމް ލިބިވަޑައިގަތްފައިވާ އަންހެން ބޭފުޅަކު ފޮތް ނެރެދެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
އޭގެ އިތުރުން ފަތުރުވެރިކަމާގުޅޭ އެންމެ ބޮޑު މައުރަޒުގައި ފޮޓޯބުކް ނެރުމަކީ ލިބުނު ވަރަށް ބޮޑު ފަޚްރަކާ ޝަރަފެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ފޮތުގެ ކޮންސެޕްޓަށް ގިނަ ބައެއްގެ ތައުރީފް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ފޮތުގެ މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ޕާޓްނަރުންނަށާއި ފޮތުގައި ފީޗާ ކުރެއްވި ހުރިހާ ފަރާތްތަކެއްގެ އިތުރުން އެ ފޮތް ކާމިޔާބު ކަމާއެކު ނެރުމަށް ކުރި ބުރަ މަސައްކަތުގައި އެހީތެރިވި އެންމެންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރިއާޔަތު ވިދާޅުވި އެވެ.
"ފޮޓޯބުކްއަށް ލިބުނު ތަރުހީބުން ދޭހަވަނީ އަހަރެމެންގެ ރީތި ދިވެހިރާއްޖެ، މަންޒިލެއްގެ ގޮތުގައި ތަފާތު ގޮތްތަކަށް އިސްތިހާރު ކުރަން އެންމެންވެސް ބޭނުންވާކަން،" ބާލިންގައި ހުރެ ފޯނުން ދެއްވި އިންޓަވިއުއެއްގައި ރިއާޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުވެނިއާ ކޮލިޓީގައި އުފައްދައި ދުނިޔޭގެ ވަރުގަދަ ބްލޮގަރުންނާއި، މީސް މީޑިއާގެ ނުފޫޒުގަދަ މީހުންގެ އިތުރުން ވީއައިޕީ ޖާނަލިސްޓުން ހިމެނޭ ގޮތަށް 2000 އަށްވުރެ ގިނަ ފަރާތްތަކަށް ބެހުމަށް ނިންމާފައިވާ އެ ފޮތް، އަންނަ މަހުގެ ކުރީކޮޅު ފޮނުވަން ފަށާނެ ކަމަށެވެ.
ޕްރިމިއަމް ޑިސްޓްރިބިއުޝަންގެ ގޮތުގައި އެ ފޮތް ފޮނުވާނީ ލޮޖިސްޓިކްސްގެ ދުނިޔޭގެ އެއްވަނަ ކުންފުނި ޑީއެޗްއެލް މެދުވެރިކޮށް، ވީއައިޕީ ކޮށެވެ.
ވީއައިޕީކޮށް ފޮނުވުމުގެ އިތުރުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބައިނަލްއަގްވާމީ ބޮޑެތި ޓްރެވަލް ފެއާތަކުގައި އާންމުންނަށް ހުޅުވައިލައި ދުވަސްތަކުގަ އާއި ދުނިޔޭގެ އެކި ބައްރުތަކުން ހޮވާލެވޭ 20 ގައުމެއްގައި ޕިކް މޯލްޑިވްސްގެ ސަފީރުން މެދުވެރިކޮށް ވެސް ފޮތް ބެހުމަށް ވަނީ ހަމަޖެހިފައެވެ.