ކޮލަޮމްބޯ (މާޗް 9): ސްރީލަންކާގެ ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި އިސްކޮށް ހުރި މީހާ އާއި އިތުރު ނުވަ މީހަކު ހައްޔަރުކޮށްފި ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވި ގޮތުގައި ހައްޔަރު ކުރި އެންމެންނަކީވެސް ހައްދުފަހަނައަޅާފައިވާ ބުދިސްޓުންގެ ގުރޫޕަކަށް ނިސްބަތްވާ ބައެކެވެ. އަދި ކެންޑީގައި ދިން ހަމަލާތަކުގައި އިސްކޮށް ހުރީ ޖިވަން ވީރަސިންހަ ކިޔާ މީހެއް ކަމަށްވެސް ގުނަސޭކަރަ ވިދާޅުވިއެވެ.

ލަންކާގެ ސަންޑޭ ޓައިމްސްގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހު ކެންޑީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 81 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އަދި އިއްޔެ ކެންޑީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ވަނީ 20 އަށް ވުރެ ގިނަ ޕެޓްރޯލް ބޮން ހޯދާފައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި އެސަރަހައްދުގައި ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި ކެންޑީގެ ރައްޔިތުން އާންމު ދިރިއުޅުމަށް ރުޖޫއަވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކެންޑީގައި މުސްލިމުން ހިންގާ ފިހާރަތަކާއި މިސްކިތްތަކުގައި ބުދިސްޓުންގެ ބަޔަކު ރޯކުރި ފަހުން މިދިޔަ އަންގާރައިގައި ލަންކާ ސަރުކާރުން ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ނަމަވެސް ކުއްލި ހާލަތު އިއުލާން ކުރި ފަހުންވެސް ބުދިސްޓުންގެ ބަޔަކު ވަނީ ކެންޑީއަށް ގޮސް މުސްލިމުންގެ ފިހާރަތަކަށް ހަމަލާދީފައި ކަމަށް އަލްޖަޒީރާއިން ބުނެއެވެ. އަދި ބައެއް ފަރާތްތަކުން ދަނީ އެހަމަލާތައް ހުއްޓުވުމަށް ލަންކާ ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެއެއެވެ.

އެކަމުގެ ސަބަބުން މިއަދު ހުކުރު ވަގުތު ކެންޑީގެ މުސްލިމުން ވަނީ އެމީހުންގެ ގެތަކާއި މިސްކިތްތައް ކައިރީ އަމަން ބެލެއްހެއްޓުމުގެ މަސައްކަތް އަމިއްލައަށް ކޮށްފައެވެ. އެއީ ކެންޑީގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ނަމަވެސް، މުސްލިމުންނަށް ރައްކާތެރިކަން ލިބޭ ކަމަށް އިހުސާސު ނުކުރެވޭތީ ކަމަށް ކެންޑީގެ މުސްލިމް ރައްޔިތަކާ ހަވާލާދީ އަލްޖަޒީރާގައި ވެއެވެ.

(ރޮއިޓާސް)