އޭޝިއާ ޕެސިފިކް ގައުމުތަކުގެ މެދުގައި އެކުލަވާލާފައިވާ "ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް" (ޓީޕީޕީ) ވިޔަފާރީގެ އެއްބަސްވުމުން އެމެރިކާ ވަކިވުމާ އެކު، އެ އެއްބަސްވުމުގައި މެމްބަރު ގައުމުތަކުން އަލުން ސޮއިކޮށްފިއެވެ.

ޓްރާންސް ޕެސިފިކް އެއްބަސްވުމުގެ މަގްސަދަކީ އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ޓެރިފްތަކާއި އެފަދަ ޓެކްސްތައް ކުޑަކުރުމެވެ. މީގެ އިތުރުން މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ މާހައުލުގެ މިންގަނޑުތަކާއި ކޮޕީ ރައިޓާއި ޕޭޓެންޓްސް ފަދަ ގާނޫނީ ކަންކަން ހިމެނެއެވެ.

އެހެން ނަމަވެސް އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފުރަތަމަ ދުވަހު އެ އެއްބަސްވުމުން ވަނީ އެމެރިކާ ވަކިކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ މަސައްކަތްތެރީންނަށް ގެއްލުން ކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ޓީޕީޕީއިން ވަކިވުމުން، އެ އެއްބަސްވުމުގައި ހިމެނޭ ބާކީ 11 ގައުމުން ވަނީ އަލުން އެއްބަސްވުން އެކުލަވާލައި، އޭގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގެ ނަން "ކޮމްޕްރެހެންސިވް އެންޑް ޕްރޮގްރެސިވްސް އެގްރިމެންޓް ފޯރ ޓްރާންސް-ޕެސިފިކް ޕާޓްނަޝިޕް" (ސީޕީޓީޕީޕީ)ގެ ނަމަށް ބަދަލުކޮށް، 11 ގައުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޗިލޭގެ ވެރިރަށް ސެންޓިއާގޯގައެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކުގެ ވިޔަފާރި އެއްބަސްވުމުގެ ބައިވެރިންނަކީ އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލޭ، ޖަޕާން، މެލޭޝިއާ، މެކްސިކޯ، ނިއުޒިލެންޑް، ޕެރޫ، ސިންގަޕޫރު އަދި ވިއެޓްނާމެވެ.

ޓްރަމްޕް ސަރުކާރުގެ ފުރަތަމަ ދުވަހު އެމެރިކާއިން ވަކިވި އިރު، އެ އެއްބަސްވުން އެކުލަވާލުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއެވެ. އޮބާމާ ސަރުކާރުން އެ އެއްބަސްވުމުގައި އެމެރިކާ ބައިވެރިކުރީ އޭޝިއާ ޕެސިފިކްގެ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުންނެވެ.

މި އެގްރިމެންޓުގެ ދަށުން އޮބާމާ ގެންގުޅުއްވި ވިސްނުންފުޅަކީ، ވިލާތުގެ އިއްތިހާދު ފަދަ ސިންގަލް މާކެޓެއް އުފެއްދުމަށެވެ.

އެއްބަސްވުމުން އެމެރިކާ ވަކިވެފައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ބައިވެރިވެފައިވާ ގައުމުތަކުގެ މާކެޓުގައި 500 މިލިޔަނެއްހާ ރައްޔިތުން ހިމެނެއެވެ. އަދި އެއްބަސްވުމުގެ ސަބަބުން ހުރިހާ ގައުމެއްގެ އިގްތިސާދަށް 2030 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް ދެ ޕަސަންޓުގެ ކުރިއެރުމެއް އައިސްފާނެ ކަމަށް އިގްތިސާދީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.