24 Aug 2011, 09:57
ޓްރިޕޮލީ : (އޮގަސްޓް 24) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އަމާން ނުދެއްވާނެ ކަމަށާއި އެންމެފަހުގެ ލޭތިއްކާޖެހެންދެން ހަނގުރާމަ ކުރައްވާނެ ކަމަށް ލީބިޔާގެ ކާރނަލް މުޢައްމަރުލްގައްޒާފީ ވިދާޅުވެއްޖެއެވެ.
ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ރޭޑިޔޯ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އޭނާގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ކޭޕް ހަނގުރާމަވެރިންގެ އަތްދަށަށް ދިޔައީ އޭނާއަށް ވަފާތެރި ސިފައިން އެތަނުން ފޭބުމުން ކަމަށާ އެތަން ދޫކޮށްލެއްވީ ނޭޓޯގެ ޙަމަލާތަކުގައި އެތަނުގެ ޢިމާރާތްތައް މުޅިން ހަލާކުވެފައިވާތީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުން ކަމުގަ އެވެ.
ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ރޭގައި ވަނީ މުޢައްމަރުލްގައްޒާފީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ކޭންޕަށް ޙަމަލާދީ އެކޭމްޕްގައި ހުންނަ ގައްޒާފީގެ ގެކޮޅު ހިފާފަ އެވެ. ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ ޢަބްދުލްހަކީމް ބިލް ޙާޖް ވިދާޅުވި ގޮތުގައި ޓްރިޕޮލީގެ ދެކުނުގައި ހުންނަ ގައްޒާފީގެ ރިޔާސީ އެކުވެނި މިހާރުވަނީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ހަނގުރާމަވެރިން ވަނީ ގައްޒާފީގެ ގެކޮޅުގައި އެމީހުންގެ ދިދަ ނަގާފަ އެވެ.
ގައްޒާފީގެ ގެކޮޅު ހިފިނަމަވެސް ގައްޒާފީ އާއި އޭނާގެ ޢާއިލާގެ އެއްވެސް ހިލަމެއް ނުވާކަމަށާއި ގައްޒާފީގެ އިސް އެހީތެރިއަކު ވެސް އެތަނުން ފެނިފައިނުވާ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރު ވިދާޅުވި އެވެ. ބާބުލްޢަޒީޒިއްޔާ ކޭންޕް ހިފުމުގެ އޮޕަރޭޝަން ހަނގުރާމަވެރިން ފަށާފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޮޕަރޭޝަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހަކަމާ އެކު އެތަން ހިފިއްޖެ ކަމަށާއި އެތަނުގައިތިބި ގައްޒާފީއަށް ވަފާތެރި ސިފައިން ފިލާފައިވާ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރު ވިދާޅުވި އެވެ.
ގައްޒާފީގެ ވާހަކަފުޅުގައި އިދިކޮޅު ހަނގުރާމަވެރިންނަކީ ޚާއިނުން ކަމަށް ސިފަކުރައްވައި އެމީހުންނަށް އަމާން ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް ގައްޒާފީ ހުންނެވިތަނެއް ހާމަކުރައްވާފައެއްނުވެ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރުން ވިދާޅުވަނީ އެމީހުންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައްޒާފީއާއި އޭނާގެ ދަރިންނާއި އޭނާގެ އިސްއެހީތެރިން ހޯދައި އެމީހުން ހައްޔަރުކުރުން ކަމަށާ މިއީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގަ އެވެ.
ގައްޒާފީ ހުންނެވީ ޓްރިޕޮލީގެ ކޮންމެވެސް ހިސާބެއްގައި ކަމަށް ހަނގުރާމަވެރިން ލަފާކުރެ އެވެ. ޓްރިޕޮލީގެ ބައެއް ސަރަޙައްދުތައް އަދިވެސް ގައްޒާފީއަށް ވަފާތެރި ސިފައިންގެ ބެލުމުގެ ދަށުގައި ވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ+ނޫސްއެެޖެންސީތައް)