09 Mar 2018, 11:22
ދެހާސް އެގާރަ ވަނަ އަހަރު ރިލީޒް ކުރި ޒޯޔާ އަޚްތަރުގެ ކާމިޔާބު ފިލްމު "ޒިންދަގީ ނާ މިލޭގީ ދޮބާރާ"ގެ ދެވަނަ ފިލްމެއް އުފެއްދުމަށް ޒޯޔާ ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެފިއެވެ.
ރިތިކް ރޯޝަން، ފަރްހާން އަޚްތަރު، އަބޭ ޑިއޯލް، ކަލްކީ އަދި ކެޓްރީނާ ކައިފް މުހިންމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމު ވެގެން ދިޔައީ ބެލުންތެރިންގެ އިތުރުން ކްރިޓީކުންގެ މެދުގައި ވެސް މަގުބޫލު ފިލްމަކަށެވެ.
ޚަބަރުތައް ބުނާގޮތުން، ބެލުންތެރިން ފިލްމުގެ ސީކުއަލްއެއްގެ އިންތިޒާރުގައި ތިބި ކަމަށް ޒޯޔާ ގަބޫލުކުރެއެވެ. އަދި ދެވަނަ ފިލްމުގައި ވެސް ފެނިގެން ދާނީ ފުރަތަމަ ފިލްމުގެ ކާސްޓް ކަމަށާއި، ސީކުއަލް ފަށާނީ 10 އަހަރުގެ ލީޕްއަކަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޒޯޔާ މިހާރު ކުރަމުން އަންނަނީ އާލިއާ ބަޓް އަދި ރަންވީރު ސިންހއާއެކު ފިލްމު "ގަލީ ބޯއީ"ގެ މަސައްކަތެވެ. އެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގެ ސްކްރީންޕްލޭގެ މަސައްކަތް ފަށާނެއެވެ.
އަދި އަންނަ އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފެށޭނެކަމަށް ބެލެވެއެވެ.
މީގެ ކުރިން ފަރްޚާން ވެސް ވަނީ ފިލްމުގެ ސީކުއަލްއަކަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ.