ރާއްޖޭގެ އެއްވެސް ކޯޗަކާ ވާދަނުކުރާ ކަމަށާއި، މަސައްކަތްކުރަނީ އޭނާގެ އަމިއްލަ އަގު ހިފެހެއްޓުމަށް ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ގްރީނުން މިސީޒަންގައި ކުޅުނު ދެ މެޗުންވެސް އެއްވަރުވެފައިވާ އިރު، މިއަދު ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)އާ ދެމެދު އެއްވެސް ކަހަލަ ވާދަވެރިކަމެއް އޮވޭތޯ ސުވާލު ކުރުމުން ސުޒޭން ބުނެފައިވަނީ މިސީޒަންގެ ފުރަތަމަ ޕްރެސްއިން ފެށިގެންވެސް އޭނާ ބުނަމުންދިޔަ އަމިއްލަ 'ފޭސް ސޭވް' ކުރުމުގެ މަސައްކަތުގެ ވާހަކައެވެ.

"އަޅުގަނޑު ވާދައެއް ނުކުރަން މޯހަންއަކާއެއް ވެސް. އެހެން ކޯޗަކާއެއް ވެސް. މިއުޅެނީ ފޭސް ސޭވިން މިޝަންއެއްގައި. އެގޮތަށް ނުކުމެ އުޅޭއިރު އިދިކޮޅަށް ނުކުންނަ ކޮންމެ ކޯޗަކާވެސް ވާދަކުރަން ޖެހޭނެ. މޯހަން ވިޔަސް އެހެން މީހެއްވިޔަސް. އެހެން އުޅޭއިރު ހުރެދާނެ މޯހަންއާވެސް ދިމާވެފައި،" ރާއްޖޭގެ އެންމެ ކާމިޔާބު އަދި ތަޖުރިބާކާރު އެއް ކޯޗު، ސުޒޭން ބުންޏެވެ.

މިދިޔަ އަހަރުގެ މާލޭ ލީގުގައި ވިކްޓަރީއާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގްރީނުން އެންމެފަހުން ކުޅުނު ދެ މެޗުގެވެސް ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ ފަހުވަގުތުގައެވެ. ސުޒޭން ބުނީ އެއީ އިއްތިފާގެއް ނޫން ކަމަށާއި، އޭނާގެ ޓްރެކް ރެކޯޑު ސާފުކޮށްލުމުން އެކަން އެނގޭނެ ކަމަށެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނަތީޖާއަށްވުރެ ބޮޑަށް ކުޅުންތެރިން ކުރާ މަސައްކަތް. ފާގީ ޓައިމް ގޯލްތަކެއް މި ފެނުނީ. އެއީ އުޅެނިކޮށް އުޅެނިކޮށް ވީ ކަމެއް ނޫން. އެއީ އުޅެނިކޮށް އުޅެނިކޮށް ވާ ކަންތަކެއް ނޫން. އަޑޭ ކަހަލަ ކުޅުންތެރިއެއް ކައިރިން އަހާލާ އަހަރެން ބެންޗުގައި ހުރެ އެކަހަލަ ކިތައް މެޗު ތޯ އައީ. ހަމަ ވަރަށް ބަލާފަ ކަލްކިއުލޭޓްކޮށްފައި އަޅުގަނޑު ބަދަލުތަކާ އެއްޗެހިވެސް ކޮށްފައި ހުންނާނީ،" ސުޒޭން ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި މާޒިޔާ ބައްދަލުކުރި މެޗުގައި މާޒިޔާގެ އިރުފާން އަތުން ބޯޅަ ހޯދުމަށް ގްރީންގެ އަޑުބަރޭ މަސައްކަތްކުރަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ގްރީންގެ މެދުތެރެއިން ކުޅެމުންދާ އަސްހަދު އަލީ (އަޑުބަރޭ)އާއި އީގަލްސްގެ މެދަށް ކުޅޭ މުހައްމަދު އާރިފް (ބަކާ)ގެ ކުރިމަތިލުމަކީ މާދަމާ މެޗުގައި ފާހަގަކޮށްލެވޭ ވާދަވެރިކަމަކަށް ވާނެ ކަމަށްވެސް ސުޒޭން ބުންޏެވެ.

"ލީޑާޝިޕް ހުރި ކުޅުންތެރިއެއް ޓީމަށް ބޭނުންވާނެ. ގްރީނުން ވަރަށް މަސައްކަތްކޮށްގެން އަޑޭ އެހުރީ ހޯދާފައި. ބަކާ އީގަލްސްއަށް ގެންގޮސްފައި އެވަނީވެސް އެތަކެއް ޒުވާން ކުޅުންތެރިންނެއްވެސް ލިބިފައި އޮއްވާ. އެއީ ހަމަ މޮޅަށް ކުޅޭ. ލީޑާޝިޕް ރަނގަޅު ކުޅުންތެރިއެއް ބޭނުންވާނެތީވެ. އެ ދެ ކުޅުންތެރިންނަކީވެސް އެއް ސްޓައިލަކަށް ކުޅޭ، ތަފާތު ކަންތައްތަކެއް ހުރި ދެ ކުޅުންތެރިން. ރާއްޖޭގެ އެންމެ ތަޖުރިބާކާރުވެސް ދެ ކުޅުންތެރިން. އެހެންވީމަ އެކަންވާނެ މެޗުގައި ފެނިގެންދާނެ ވަރަށް ރަނގަޅު ޗެލެންޖަކަށް،" ސުޒޭން ފާހަގަކުރިއެވެ.

ގްރީންއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.