10 Mar 2018, 09:35
ކްލަބު އީގަލްސް އޮތީ ކްލަބު ގްރީން ސްޓްރީޓްސް ބަލިކުރަން ތައްޔާރަށް ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، މޯހަން ބުނީ މިސީޒަންގައި ގްރީން ބަލިނުވެ އޮތް އޮތުމަކީ މެޗު މުހިންމުވާ ސަބަބެއް ކަމަށެވެ.
"އީގަލްސްއަށް މެޗު މުހިންމުވާ ކަމަކީ ގްރީން އަދި ބަލިނުވެ އޮތީމަ. އެހެންވީމަ ގްރީން ބަލިކުރެވެން ކުރަން އޮތް ހުރިހާ ކަމެއް އީގަލްސްއިން ކުރާނަން. މީގެ އިތުރުންވެސް އީގަލްސްއަށް ކުރިއަށް ދިއުމަށްވެސް މި މެޗަކީ ވަރަށް މުހިންމު މެޗެއް،" މޯހަން ބުންޏެވެ.
ގްރީނުން ޓީސީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޕޮއިންޓެއް ހޯދީ ފަހު މިނެޓުގައެވެ. ދެ މެޗުވެސް ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މިދިޔަ އަހަރު މާލޭ ލީގުގައި ގްރީނާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ
ޒަމާނުއްސުރެ މޯހަންއާއި ގްރީންގެ ކޯޗު އަލީ ސުޒޭން ފާހަގަކުރެވެނީ ވާދަވެރި ދެ ކޯޗުންގެ ގޮތުގައެވެ. އެކަމާ ގުޅިގެން މޯހަން ބުނީ "އަޅުގަނޑުމެން ދެ ކޯޗުން އެބައޮތް ވާދަވެރިކަން. އެއީ ޕްރޮފެޝަނަލީ އޮންނަ ވާދަވެރިކަން. ދަނޑުމަތީގައި އޮންނަ ވާދަވެރިކަން އެއީ. ސުޒޭންވެސް އަޅުގަނޑުވެސް މި މެޗުގައި ދެ ކޯޗުންގެ ވާދަވެރިކަން އޮންނާނެ. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ކަމަށެވެ.
މިދިޔަ ސީޒަންގެ މާލޭ ލީގުން ގްރީން ދެވަނަ ހޯދިއިރު އެންމެ ހިތްދަތިކޮށް ލީގު ނިންމާލި ޓީމަކީ އީގަލްސްއެވެ. ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލި އީގަލްސްގެ ކުޅުންތެރިންނަށް އެންމެ ބޮޑަށް މާޔޫސްކަން ގެނުވި މެޗަކީވެސް މާލޭ ލީގުގައި އެޓީމުން ކުޅުނު ފަހު މެޗެވެ. އެ މެޗަށް ނުކުތްއިރު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އީގަލްސްއަށް ބޮޑު ފުރުސަތެއް އޮތްނަމަވެސް ގްރީނުން ވަނީ 1-0ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްފައެވެ.
މޯހަން ބުނީ މިސީޒަންގެ ކުރީކޮޅުގައި ގްރީނާ ޖެހުމަކީ އެކަން ހަނދާން ނައްތާލަން ލިބޭނެ ފުރުސަތެއް ކަމަށެވެ.
"ސީޒަންގެ ކުރީކޮޅުގައި ޖެހުމުން އެ ޕްރެޝަރެއް ނީންނާނެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އިިންނާނެ އެއްޗެއް އެއީ. ފިލައިގެން ނުދާނެ. ތަންކޮޅެއް ބޮޑަށް ހިތްހަމަޖެހިލައިގެން މި މެޗަށް ނުކުންނާނީ،" މޯހަން ބުންޏެވެ.
މިދިޔަ ސީޒަންގެ މާލޭ ލީގުގައި ގްރީނާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ
މިސީޒަންގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައިވާ އީގަލްސްއިން އެންމެފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގައި އީގަލްސްގެ ފަހަތުން ގޯސްތަކެއް ފެނުނު ކަމަށާއި، މާ ފަސޭހައިން ގޯލް ވަނުމުގެ މައްސަަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.
"ބައިކޮޅަށް ވަން ގޯލަކީ ހަމަ ކަންބޮޑުވާން ޖެހޭ ކަމެއް. އެންމެފަހުން މެޗުގައިވެސް ފަހަތަށް ދިޔަ ތިން ބޯޅައެކޭ ބުނަން ޖެހޭނީ ހަމަ. އެ ތިން ބޯޅަވެސް އިނީ ހަމަ އެތެރެވެފައި. އީގަލްސްގެ ޑިފެންސަށް ކުޅެން އެބަތިބި ބައެއް ތަޖުރިބާކާރު ކުޅުންތެރިންވެސް. އެކަމަކު ވިސްނުން ހުރީ މާލޭ ލީގުގެ ގަދަ ހަތަރަކަށް ވަނުމާއެކީގައި ޒުވާން ކުޅުންތެރިންވެސް ޓީމު ތެރެއަށް ވެއްދޭވަރަށް ތަޖުރިބާ ދިނުން،" މިސީޒަންގައި އީގަލްސްގެ ފަހަތުން ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދެމުން އަންނަ މޯހަން ބުންޏެވެ.
އީގަލްސްއާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.