09 Mar 2018, 10:38
ވަޒީފާއަށް އަހުލުވެރިކުރުވައި، ވަޒީފާގެ މައިދާނަށް ޒުވާނުން ތައްޔާރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދާ އެޗްޑީސީ ޔޫތު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018" 24 ބައިވެރިންނާއެކު ފަށައިފިއެވެ.
މިއަދު އެޗްޑީސީއިން ވަނީ މި 24 ޒުވާނުންނަށް ޕްރޮގްރާމުގައި ބައިވެރިވިކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެޗްޑީސީގެ ޑިރެކްޓަރ ހިއުމަން ރިސޯސަސް، މުހައްމަދު އިލްހާމް ވިދާޅުވީ މިއަހަރުގެ ޕްރޮގްރާމުގައި ތިން ދާއިރާއަކުން ޒުވާނުން ތަމްރީނުކުރާނެ ކަމަށެވެ.
ތަމްރީނުގެ ތިން ދާއިރާއަކީ ސާވޭއިންގް، ބިލްޑިންގް މެއިންޓެނަންސް އަދި ކޮންސްޓްރަކްޝަން މެނޭޖްމެންޓެވެ. ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާ އިރު، އެޗްޑީސީން ބުނީ ދާއިރާތައް ކަނޑައަޅާފައިވަނީ އެންމެ ބޭނުންތެރި ކަންކަމަށް ބަލާފައި ކަމަށެވެ.
ހަ މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޕްރެކްޓިކަލް އަދި ތިއަރީ ބައި ކުރިއަށް ގެންދާނެއެވެ. ތިއަރީ ބައި ކުރިއަށް ގެންދާނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ އާއި ގުޅިގެންނެވެ.
އިލްހާމް ވިދާޅުވީ މި 24 ޒުވާނުންވެސް މަސައްކަތްކުރާނީ އެޗްޑީސީގެ ކަމާ ބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށެވެ.
"އެކަށީގެންވާ ޕޮކެޓު މަނީއެއްވެސް ކުދިންނަށް ދީގެން ކުރިއަށް ގެންދަނީ. ޕްރޮގްރާމް ނިންމުމަށްފަހު އެޗްޑީސީގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް އޮންނާނެ،"
އިލްހާމް ވިދާޅުވީ މި ޕްރޮގްރާމަށް ކުދިން ނެގީ ކުދިންނާ އިންޓަވިއުކޮށްގެން ކަމަށެވެ.
މިއީ މި ޕްރޮގްރާމު ކުރިއަށް ގެންދާ ދެވަނަ އަހަރެވެ. ޕްރޮގްރަމް ފުރިހަމަކުރާ ކުދިންނަށް އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދޭނެއެވެ.