08 Mar 2018, 23:55
އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެމްޑަބްލިޔުއެސްސީ އަކީ ނަމޫނާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، އެމްޑަބްލިޔުއެސްސީއަކީ އަބަދުވެސް ކަނބަލުންނަށް ފުރުޞަތު ތަކެއް ފަހިކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.
"އެމްޑަބްލިޔުއެސްސީ ހިންގުމުގައިވެސް އަންހެން ބޭފުޅުންގެ ހިއްސާ ބޮޑު. އަދި ކުންފުނި ކުރިއަރައިގެން މި އަންނަނީ ކަނބަލުންގެ އެހީތެރިކަމާއިއެކު،" ފަޒުލު ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، ކަނބަލުންނަށް ހާއްސަކޮށްގެން މިދިޔަ ސެޕްޓެންބަރު މަހު "މެޓަރނިޓީ ޕޮލިސީއެއް" ތަޢާރަފުކުރެވިފައިވާ ކަމަށާއި އެކަމަކީ ކަނބަލުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކުންފުނީގެ ލީޑަޝިޕުން ތައާރަފްކޮށްފައިވާ ހާއްސަ ޕޮލިސީއެއް ކަމަށެވެ.
" މެޓާރނިޓީ ޕޮލިސީގެ މައިގަނޑު މަޤްސަދަކީ، މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް މަސައްކަތުގެ މާހައުލުގައި ދިމަވާ ދަތިތަކަށް ލުޔެއް ލިބޭނެ އުޞޫލުތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް ލުއިފަސޭހަ މަސައްކަތުގެ މާޙައުލުގައި ގާއިމު ކުރުން،" ފަޒުލް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ދިޔަ ހާއްސަ ބައްދަލުވުމުގައި އެ ކުންފުނީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.