ހއ. ހޯރަފުށީގައި ގާއިމު ކުރާ ސާފު ބޯފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ނިޒާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އެ ކުންފުނިން ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ޖުމުލަ 52 މިލިއަން ރުފިޔާ ހަރަދު ކުރާ އެ މަޝްރޫއަށް ލޯނު އެހީ ދީފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނެވެ. އަދި މީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންވެސް ވަނީ މި މަޝްރުއުއަށް ހަރަދުކޮށްފައެވެ.

އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހޯރަފުށީގައި އަޅާ ބޯފެނުގެ ނިޒާމުގެ ތެރެއިން، 19 ކިލޯމީޓަރުގެ ވިއުގައެއް ގާއިމު ކުރެވޭނެއެވެ. ދެ އާރް.އޯ ޕްލާންޓް އެ ރަށުގައި ބަހައްޓާއިރު ގަޑިއަކު 8 ޓަނުގެ ފެންއުފައްދާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި މި ޕްލާންޓުން 156 ޓަނުގެ ފެން އުފައްދާނެއެވެ.