23 Aug 2011, 22:10
ދަވްޙާ (އޮގަސްޓް 23) : ޤަތަރުގެ ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި 25 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ޤަތަރުގެ ޓޫރިޒަމް އޮތޯރިޓީން ބުނިގޮތުގައި ޓޫރިޒަމަށް ބޭނުންވާ އެންމެ ޒަމާނީ އިންފްރާސްޓްރަކްޗަރާއި ފަސޭހަތައް ޤާއިމް ކުރުމަށްޓަކައި ކުރިޔަށްއޮތް 11 އަހަރު ތެރޭގައި 25 ބިލިޔަން އެމެރިކާ ޑޮލަރު ޤަތަރު ސަރުކާރުން އިންވެސްޓްކުރާނެއެވެ.
މިއިންވެސްޓްމަންޓްތައް ޤާއިމް ކުރެވިއްޖެނަމަ ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ފެންވަރަށް ޤަތަރުގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީ ކުރެވޭނެ ކަމަށް އެ އޮތޯރިޓީގެ ޗެއަރމަން އަޙްމަދު ޢަބްދުﷲ އައްނުޢައިމީ ވިދާޅުވިއެވެ.
ޓޫރިޒަމްގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ޤަތަރުން އިންވެސްޓްކުރާ 25 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ މަގުތަކާއި ޕާކުތަކާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީސްތައް ބިނާކުރުމުގެ އިތުރުން މަތީ ފެންވަރުގެ ޓޫރިިސްޓް ހޮޓާތަކާއި ބީޗްތަކާއި ކުދި އެއަރޕޯޓްތަކާއި އެނޫންވެސް ޓޫރިޒަމާގުޅޭ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށާއި މިހާރުހުރި މިބާވަތުގެ ތަންތަން އިތުރަށް ތަރައްޤީ ކުރުމަށެވެ.
ޓޫރިޒަމްގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށާއި ތަރައްޤީ ކުރުމަށް 25 ބިލިޔަން ޑޮަލަރު އިންވެސްޓް ކުރުމަށް ނިންމުމުގެ އިތުރުން ޤަތަރުން މިއަހަރުގެ ކުރީކޮޅުވަނީ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށްޓަކައި 20 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް ނިންމައި އެމަސައްކަތް ފަށާފައެވެ. މިއީ 2020 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އެޤައުމުން ކުރާ އިންވެސްޓްމަންޓެކެވެ.
މީގެއިތުރުން ޤައުމުގެ ޢާންމު އިންފްރާސްތްރަކްޗަރ ތަރައްޤީ ކުރުމަށްޓަކައި ޤަތަރުން މިހާރުވެސް ގެންދަނީ 70 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެތެރޭގައި އިންޓަރނޭޝަނަލް އިތުރުއެއަރޕޯޓެއް ބިނާކުރުމާއި މަގުތަކާއި ހައިވޭ ތައް ބިނާކުރުމާއި ކަނޑުގެ ބިޔަ ބަނދަރެއް ބިނާކުރުމާއި ބްރިޖްތަކާއި ޝޮޕިންގ ސެންޓަރުތަކާއި އޮފީސް ޢިމާރާތްތައް ބިނާކުރުން ހިމެނެއެވެ. (ރޮއިޓާސް+އަލްޖަޒީރާ)