08 Mar 2018, 20:40
މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅު ބުރުގައި ނޮޅިވަރަންފަރު އަތުން ކުޅުދުއްފުށި ސަލާމަތްވި އިރު، ނެއްލައިދޫ އަތުން ނޮޅިވަރަމް މޮޅުވެއްޖެއެވެ.
އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު ހދ. އަތޮޅު ބުރުގެ ގްރޫޕް ދޭއްގެ މެޗުގައި ނޮޅިވަރަންފަރު އަތުން ކުޅުދުއްފުށި އެއްވަރުވެފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ. ކުޅުދުއްފުއްޓަކީ މިދިޔަ އަހަރުގެ ހދ. އަތޮޅު ބުރު އަދި ޒޯން އެކެއްގެ ޗެމްޕިއަނުންނެވެ.
އެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ނޮޅިވަރަންފަރެވެ. އެ މެޗުގެ 23 ވަނަ މިނެޓުގައި ނޮޅިވަރަންފަރަށް މުހައްމަދު އައްސަދު ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 30 ވަނަ މިނެޓުގައި ޒައިދު މުހައްމަދު ވަނީ ކުޅުދުއްފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ހަނިމާދޫގައި މިއަދު ކުޅުނު ހދ. އަތޮޅު ބުރުގެ ގްރޫޕް އެކެއްގެ މެޗުގައި ނެއްލައިދޫ އަތުން ނޮޅިވަރަމް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 50 ވަނަ މިނެޓުގައި ނޮޅިވަރަމްގެ ލަނޑު ކާމިޔާބުކޮށްދިނީ ގުރައިޝް އަބްދުލް ރައްޒާގެވެ.
ހދ. އަތޮޅު ބުރުގެ ފުރަތަަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ހަނިމާދުއާއި ފިނޭއެވެ. އެ މެޗު 10-1ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އަމިއްލަ ރަށުގައި ކުޅެމުންދިޔަ ހަނިމާދުއެވެ.
ހދ. އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ނެއްލައިދުއެވެ. އެ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ. ކުޅުދުއްފުށީގައި ކުޅޭ ގްރޫޕް ދޭއްގައި އެ ރަށުގެ އިތުރުން ދެން ހިމެނެނީ ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.