08 Mar 2018, 20:56
މިނިވަން ޗެމްޕިއަންޝިޕް މ. އަތޮޅު ބުރުގެ ދެވަނަ މެޗުގައި މަޑުއްވަރީ އަތުން މުލަކު ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މ. މުލީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަޑުއްވަރީ އަތުން މުލަކު މޮޅުވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި މުލަކުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މުލަކަށް ހުސައިން އާތިފް ލީޑު ހޯދައިދިން އިރު، މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އަހްމަދު މިފްޒާލްއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މުލަކުން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މުލަކުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ޝަހީމެވެ.
މ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ވޭވަށާއި މުލި ޓީމެވެ. އެ މެޗު މުލިން ކާމިޔާބުކޮށްފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ. އެ އަތޮޅު ބުރުގައި ވާދަކުރާ ޓީމުތަކަކީ މަޑުއްވަރީއާއި، ވޭވަށާއި، މުލި އަދި މުލަކެވެ. ފައިނަލުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ވާދަކުރާ އިރު، ޗެމްޕިއަން ޓީމަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެއެވެ.