08 Mar 2018, 20:36
ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2018"ގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރުވެސް ސޮނީ ސްޕޯޓްސް ހަމަޖައްސައިފިއެވެ.
މިއަހަރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖު މެދުނުކެނޑި ބާއްވާތާ ތިންވަނަ އަހަރެވެ. މީގެ ކުރިން ދެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ.
ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ސޮނީ ސްޕޯޓްސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއެކު މިއަދު ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފައެވެ.
ސޮނީ ސްޕޯޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު އާމިނަތު ޔުސްރާ އިބްރާހީމެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މުބާރާތް ވަރަށް ފޯރިގަދަވާނެ ކަމަށާއި، މުބާރާތް ބޭއްވުމުގައި ސޮނީ ސްޕޯޓްސްއިން ދޭ އެއްބާރުލުމަށް ރާއްޖޭގެ ހުރިހާ ޒުވާނުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.
ސޮނީ ސްޕޯޓްސްގެ ފަރާތުން ޔުސްރާ ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވަރަށް ގިނަ ޓީމުތަކަކުން ވަރަށް ގިނަ ބަޔަކު ޝާމިލްވާ މުބާރާތެއް ކަމަށާއި، މިއަހަރުވެސް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވައެއްގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިދިޔަ އަހަރު 50 ޓީމަކާއެކު ކުރިއަށްދިޔަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހެންވޭރެވެ. ހެންވޭރު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައްޑޫ ސިޓީ ފޭދޫ ބަލިކޮށެވެ.