08 Mar 2018, 19:36
އާސެނަލަށް އަދިވެސް މިސީޒަން ސަލާމަތް ކުރެވިދާނެ ކަމަށާއި، ކުޅުންތެރިން އަމިއްލަ ނަފްސަށް އިތުބާރުކުރަން ޖެހޭ ކަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.
އާސެނަލުން ޔޫރޮޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މިރޭ އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ނުކުންނަ އިރު، މިސީޒަނުގައި އާސެނަލަށް ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ހަމައެކަނި މުބާރާތަކީވެސް ޔޫރޮޕާ ލީގެވެ.
އިނގިރޭސި ލީގުގެ ހަވަނައިގައި އޮތް އާސެނަލަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާ އިރު، އެޓީމު ވަނީ މިހާރު އެފްއޭ ކަޕްގެ އިތުރުން މިސީޒަނުގެ ލީގު ކަޕުންވެސް ކަޓައިފައެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާ އާސެނަލުން މިރޭ ނުކުންނާނީ އެންމެ ފަހުން ކުޅުނު 13 މެޗުންވެސް ބަލިވެފައިނުވާ އޭސީ މިލާނާ ދެކޮޅަށެވެ. މިސީޒަނުގައި އޭސީ މިލާނާ ހަވާލުވި ކޯޗު، ގެނަރޫ ގަޓޫސޯގެ އިރުޝާދުގެ ދަށުން ރަނގަޅު ފޯމެއްގައި ކުޅެމުންދާ މިލާނަކީ ޔޫރަޕުގައި އެންމެ ކާމިޔާބު އެއް ކްލަބުވެސް މެއެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާސެނަލް ކޯޗު ވެންގާ ބުނީ ޔޫރޮޕާ ލީގަކީ ސީޒަން ސަލާމަތްކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ނަމަވެސް، ކުޅުންތެރިންގެެ ހިތްވަރާއެކު އެކަންވެސް ކުރެވިދާނެ ކަމަށެވެ.
މިދިޔަ ސީޒަންގައިވެސް ދަށްކޮށް ފެނުނު އާސެނަލުން ސީޒަން ސަލާމަތްކުރީ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްގެންނެވެ. އެފްއޭ ކަޕް ކާމިޔާބުކުރުމާއެކު އާސެނަލްގެ ބޯޑުން ވަނީ ވެންގާއަށް ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްވެސް ދީފައެވެ.
ވެންގާ ބުނީ ބޯޑުން އޭނާއަށް ކުރާ އިތުބާރަކީ ނަތީޖާ ނެރުމަށް އޮންނަ ޕްރެޝަރެއް ކަމަށާއި، މި އުނދަގޫ ހާލަތުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ވެންގާ ބުނީ ދަށްކޮށް ދެތިން މެޗެއް ދާއިރަށް ކުޅުންތެރިން އަމިއްލައަށް ފެންވަރާ ދޭތެރޭ ސުވާލު އުފެއްދޭ ކަމަށާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލޭ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އާސެނަލް ކުޅުންތެރިންނަށް ބޭނުންވަނީ ހިތްވަރު ކަމަށާއި، އެ ކުޅުންތެރިންނަށް ރަނގަޅަށް ކުރެވުނު ކަންތައް ހަނދާންކޮށް އިތުބާރާއެކު ކުޅުން ކަމަށްވެސް ވެންގާ ބުންޏެވެ.
އޭސީ މިލާނާއި އާސެނަލް، އިޓަލީގެ ސަންސީރޯގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11:00 ގައެވެ.