ޓްރިޕޮލީ (އޮގަސްޓް 23) : ގައްޒާފީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްއަޒީޒިއްޔާ ކޭންޕް ހިފުމަށްޓަކައި ލީބިޔާގެ ހަނގުރާމަވެރިން ވަރަށް ވަރުގަދަ ހަމަލާތަކެއް ދާދިދެންމެއަކު ފަށައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ހަނގުރާމަވެރިން ގެ ކޮމާންޑަރުންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ގައްޒާފީއާއި އޭނާގެ ޢައިލާ ތިއްބެވި ކަމަށް ބެލެވެނީ ބާބުލްއަޒީޒިއްޔާ ކޭންޕްގައެވެ. މިކޭންޕްގައި ގައްޒާފީއަށް ވަފާތެރި ސިފައިންގެ 3 ހާހެއްހާ މީހުން ބަރުހަތިޔާރާއެކު ގައްޒާފީގެ ޙިމާޔަތުގައި އެބަތިބި ކަމަށާއި ހަނގުރާމަވެރިން ފެށި މިޙަމަލާތަކުގެ ސަބަބުން ބޮޑު ލޭއޮހޮރުވުމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

މިއޮޕަރޭޝަން ފެށުމަށްޓަކައި ޓްރިޕޮލީގެ ވަށައިގެންވާ ސަރަޙައްދުތަކުން ހަނގުރާމަވެރިންގެ އެތަށް ހާސްބަޔަކު މިއަދު ހެނދުނުން ފެށިގެން ޓްރިޕޮލީއަށްދަނީ ޖަމާވަމުންނެވެ.

ގައްޒާފީގެ ވެރިން ނިމުނުކަން ނުވަތަ ނޫންކަން އިންތިޤާލީ މަޖިލީހުން ހާމަކުރާނީ ހަނގުރާމަވެރިން ދާދި ދެންމެއަކު ފެށި ބާބުލްޢަޒީޒިއްޔާގެ ޚާއްސަ އޮޕަރޭޝަނަށްފަހުގައި ކަމަށް އެމަޖިލީހުން ބުނެއެވެ. ހަނގުރާމަވެރިންގެ ޙަމަލާތަކާއެކު ނޭޓޯއިިންވެސް ގެންދަނީ ބާބުލްޢަޒީޒިއްޔާ ކޭންޕަށް ވަރުގަދައަށް ބޮން އަޅަމުން ކަމަށް ޚަބަރުލިބެއެވެ. (ނޫސްއެޖެންސީތައް)