08 Mar 2018, 16:09
ފެބްރުއަރީ މަސް ފެށުނު އިރު ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ބޭރުގެ ގައުމުތަކުން ރާއްޖެއާ ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީ ނެރުނު އިރު ވެސް ރާއްޖެ އައުމަށް ހަމަޖެއްސި ޗުއްޓީ ކެންސަލްކުރީ އެންމެ 1،500 މީހުން ކަމަށް ވެރިކަންކުރާ ޕީޕީއެމް އިން ބުނެފިއެވެ.
ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކަކުން ވަނީ ޓޫރިޒަމް ހީނަރުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ޓޫރިޒަމް ހީނަރުވެ، ފަތުރުވެރިން އަންނަ މިންވަރު މަދުވަމުންދާ ކަމަށް ވާހަކަ ދައްކަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަމަށެވެ.
އަދުރޭ ވިދާޅުވީ، މިދިޔަ މަހު ރާއްޖެ އައުމަށް ހެދި ބުކިންގް ކެންސަލްކުރީ 1،500 މީހުން ކަމަށެވެ.
އެ މައުލޫމާތު ލިބުނު މަސްދަރު ހާމަނުކުރައްވައި، އަދުރޭ ވިދާޅުވީ އެއީ "ސައްތައިން ސައްތަ ސައްހަ މައުލޫމާތު" ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"މިދިޔަ ފެބްރުއަރީ މަހު ޖުމްލަ 1،500 މީހުން ބުކިންގް ކެންސަލް ކުރީ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާއިރު ކޮންމެ 100 އަކުން އެންމެ މީހެއް. އެއީ މުޅި ޖުމްލަކޮށް މަހަކަށް ބަލާއިރު ޓޫރިސްޓުންގެ ނިސްބަތުން އެންމެ ޕަސަންޓެއް،" އަބްދުލްރަހީމް ވިދާޅުވިއެވެ.
ކޮންމެ މަހެއްގެ ޓޫރިސްޓް އެރައިވަލާ ގުޅޭ ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. އެހެން ނަމަވެސް ނިމިދިޔަ ފެބްރުއަރީ މަހުގެ ހިސާބުތައް މިހާތަނަށް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ކުއްލި ހާލަތާ އެކު ރާއްޖެ އަންނަ ފަތުރުވެރިން މަދުވެފައިވާ ކަމަށާއި ބުކިންގް ކެންސެލޭޝަން އިތުރުވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުން ހުރި ދެ ޖަމިއްޔާ މަޓާޓޯ އަދި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ފެބްރުއަރީ މަހު ހިނގި ކަންކަމާ އެކު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން މަޓާޓޯ އިން ވަނީ ހިނގައި ދިޔަ ކަންކަމާ ގުޅިގެން ވެދާނެ ގެއްލުންތައް ފޫބެއްދުމަށް ޓަކައި މިއަހަރު އެޖަމިއްޔާ އިން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ދެގުނައަށް އިތުރުކުރުމަށް ވެސް ނިންމައިފައެވެ.