08 Mar 2018, 14:42
ވިހެއުމުން ކަނބަލުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ނިންމާފައި ވަނީ އެ ކޮމިޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވިހެއުމުން އެ ކަނބަލުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ. ވިހެއުމުން ކަނބަލުންނަށް އެ ކޮމިޝަނުން މިހާތަނަށް ދެމުން އަންނަނީ ތިން މަސް ދުވަހުގެ ޗުއްޓީއެކެވެ.
މީގެއިތުރުން ވިހައިގެން އުޅޭ ކަނބަލުންނަށް ގާތުން ކިރުދިނުމުގެ ބްރޭކް ދެ އަހަރު ވަންދެން ދިނުމަށް ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ. ގާތުން ކިރު ދިނުމުގެ ބްރޭކް މިހާތަނަށް ދެމުން އައީ އެއް އަހަރު ވަންދެނެވެ.
އެޗްއާރްސީއެމްއިން ބުނީ އެގޮތަށް ނިންމަން ޖެހުނީ ކޮމިޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވަޒީފާގައި ތިބުމުގައާއި މަތީ ފަންތީގެ މަގާމްތަކަށް ދިޔުމުގެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
އަދި މަސައްކަތު މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަކީވެސް އެކަން އެގޮތަށް ކުރުމުގެ މަގްސަދެއް ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ 67 ޕަސަންޓަކީ އަންހެނުންނެވެ.