ވެސްޓް ޕާކްގެ ތިޖޫރީއެއް ވަގަށްނަގައިގެން ފިލަން މަސައްކަތް ކުރި މީހުންގެ އިތުރަށް އެކަމުގައި ބޭނުން ކުރި އުޅަނދުތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި ހަ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ވައްކަން ކުރަން މަސައްކަތްކުރި މީހުން އެވަގުތު އެކަމުގައި ބޭނުންކުރި ޓެކްސީ ކާރަކާއި ސައިކަލެއް ވެސް އެސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެމައްސަލައާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވެސްޓް ޕާކްގެ ފުރާޅުމައްޗަށް އަރައި ފިލަން މަސައްކަތް ކުރަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން ވައްކަން ކުރަން މަސައްކަތް ކުރި މީހުން ވަނީ ތިޖޫރީގެ އިތުރުން ވެސްޓް ޕާކުން ކެމަރާ އަކާއި ލަވަޖަހާ ސެޓެއް ވެސް ވަގަށް ގެންދަން މަސައްކަތް ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވެސްޓް ޕާކުން ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ހުރިހާތަކެއްޗެއް މިހާރު ވަނީ ހޯދައި އެފަރާތާ ހަވާލުކޮަށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވެސްޓްޕާކް ސަރަޙައްދު ޕެޓްރޯލް ކުރަމުންދިޔަ ކެޕިޓަލް ޕޮލިސްގެ ފުލުހުންނަށް "ވަގުންގެ" ޢަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:30 ހާކަންހާއިރު ކަމަށެވެ.

އެމައްސަލަ ޕްރޮޕަޓީ އެންޑް ކޮމާޝައަލް ކްރައިމް ޑިޕާރޓްމަންޓުން މިހާރު ދަނީ ތަޙުޤީޤްކުރަމުން ކަމަށް ފުލުހުން ބުންޏެވެ.