19:00


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެރުއްވާ އަމުރަކީ ސައްހަ އަމުރަކަށް ވާނެ ކަމަށާއި އެ އަމުރަށް ސަރުކާރުން ތަބާވާނެ ކަމަށް ބަންޑާރަ ނައިބު ހުސްނު ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ހުސްނު ސުއޫދު މިހެން ވިދާޅުވީ ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ނޯޓިސް އާއި އަމުރު ފޮނުއްވުމުން ވެސް ދެ ދުވަހު މަތިން ވެސް ކޮމިޓީ އަށް ހާޒިރުވަޑައިގެންފައިނުވާ ބޭފުޅުންނަށް މާދަމާ އަމުރު ނެރުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މިއަދު ވިދާޅުވުމާ ގުޅިގެން، އެއީ ސައްހަ އަމުރަކަށް ވާނެތޯ ސަން އެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.


މި ވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މިރޭ އެމަނިކުފާނު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ކަމަކަށް ކުރައްވާނީ ބުރާސްފަތި ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް، ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކެޓްރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް ހާޒިރުވެވަޑައިގަތުމަށް އަމުރު ނެރުއްވުން ކަމަށެވެ.


މިހާތަނަށް ދެ ފަހަރު ދަންނަވައިގެން ވެސް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައި ނުވަނީ އެ ބޭފުޅުންނަށް ނޯޓިސް ފޮނުވައިފައިވާ ގޮތުގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން މައްސަލަތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވައިފައިވާތީ ކަމަށް ވިދާޅުވެ.