08 Mar 2018, 13:34
އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގައި ބޮޑުތި އަރާރުންތަކެއް އުފެދިފައިވީ ނަމަވެސް ދެގައުމުން ވިޔަފާރީގައި "ހަނގުރާމަ" އަކަށް ދާން ބޭނުންނުވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާ އިން އެމެރިކާއަށް އެތެރެކުރާ ސްޓީލް އާއި އަދި އެލުމިނިއަމްއިން ޑިއުޓީ ނަގަން ނިންމުމުން ޗައިނާގެ ސްޕޯކްސްޕާސަން ޒޭންގް ޔެސޫއީ ވިދާޅުވީ އެމެރިކާއާ އެކު ވިޔަފާރީގައި ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ޗައިނާ އިން މަޑުން ނޯންނާނެ ކަމަށް ވެސް ސްޕޯކްސްޕާސަން ވިދާޅުވި އެވެ.
ޒޭންގް ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދު އެކި ކަންކަމުގައި ހިޔާލުތަފާތުވެދާނެ ކަމަށާއި އެހެންނަމަވެސް ވިޔަފާރީގެ އެކި ކަންކަމުގައި ނިންމާ ނިންމުމުގެ ސަބަބުން އޭގެ އަސަރުވަރަށް ބޮޑަށް ދެގައުމަށް ކުރާނެ ކަމަށެވެ. އަދި ދެގައުމުގެ ގުޅުމަށް ބުރޫއަރައި ދިޔުމަކީ އެ ދެ ގައުމުން ވެސް ދެކެން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ޒޭންގް ވިދާޅުވި އެވެ.
އެމެރިކާއާ ޗައިނާއާއި ދެމެދު މިދިޔަ އަހަރު ވެސް 580 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ވަނީ ކުރެވިފަ އެވެ. ޒޭންގެ ވިދާޅުވީ އެމެރިކާއާ ޗައިނާއާ ދެމެދު މިހާރު ދިމާވެފައިވާ މައްސަލައަށް އޮތް ހައްލަކީ މާކެޓް އިތުރަށް ހުޅުވާލައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުން ކަމަށެވެ.
ޗައިނާއިން އެތެރެކުރާ ސްޓީލް އަދި އެލުމިނިއަމްއިން ޑިއުޓީ ނަގަން ޓްރަމްޕް ނިންމެވީ، އެމެރިކާގައި އެ މައުދަންތައް އުފައްދާ ކުންފުނިތައް ހިމާޔަތްކޮށް އަދި އިތުރު ވަޒީފާތައް އުފެއްދުމުގެ ގޮތުންނެވެ.