ބެއިޖިން (މާޗް 8): ސްރީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލުކޮށް، އެ މައްސަލަތައް ހައްލު ކުރުމުގެ ގާބިލުކަން ލަންކާ ސަރުކާރަށް ލިބިގެންވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ޝުއާން އިއްޔެ ވަނީ ލަންކާގައި ތިބި ޗައިނާގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އެގައުމުގެ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމަށް އިޖުތިމާއީ ހަމަޖެހުމާއި އެއްބައިވަންތަކަން ގެނައުމަކީ ލަންކާގެ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ޗައިނާ އިން ގަބޫލު ކުރާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"ލަންކާގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމާއި އިޖުތިމާއީ ހަމަޖެހުމާއި ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގާބިލުކަން ލަންކާ ސަރުކާރާއި ރައްޔިތުންނަށް ލިބިގެންވާ ކަމަށް ޗައިނާއިން ގަބޫލު ކުރަން،" ގެން ޝުއާން ވިދާޅުވި އެވެ.

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ހަމަނުޖެހުންތައް ފެށުނީ ކެންޑީ ޑިސްޓުރިކްޓުގެ ތެލެދެނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ބުދު ދީނުގެ މީހަކު މަރުވުމުންނެވެ.

އަދި އޭގެ އަނެއް ދުވަހު ބުދިސްޓުންގެ ބަޔަކު ވަނީ ކެންޑީއަށް ގޮސް މުސްލިމުން ހިންގާ ވިޔަފާރިތަކާއި މިސްކިތްތަކުގައި ރޯކޮށްފަ އެވެ. އެއަލިފާނުގެ ސަބަބުން 23 އަހަރުގެ މުސްލިމް ފިރިހެނަކު ވަނީ މަރުވެފަ އެވެ.

އަދި އެހާދިސާއާ ގުޅިގެން އިތުރު ހަމަނުޖެހުންތައް އުފެދިދާނެތީ އަންގާރަ ދުވަހު ލަންކާ ސަރުކާރުން ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކެންޑީގައި ކާފިއު ހިންގާފަ އެެވެ. ނަމަވެސް އޭގެ ފަހުން ވެސް ބުދިސްޓުންގެ ބަޔަކު ދަނީ ކެންޑީގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ލަންކާގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ، އެގައުމުގެ ހަރުކަށި ބުދުދީނުގެ ޖަމާއަތް ބޮޑު ބަލަ ސޭނާ (ބީބީއެސް) އެވެ.

ދެހާސް ސާދަވަނަ އަހަރު ވެސް ބޮޑު ބަލަ ސޭނާއަށް ނިސްބަތްވާ ބުދުދީނުގެ ހަރުކަށި ވިސްނުމުގެ ހާމުދުރުން ވަނީ ލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުނުގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރުދީ، އަދި ހަމަނުޖެހުން ހިންގައިފަ އެވެ.

ސްރީލަންކާގެ އާބާދީގެ 74 ޕަސަންޓަކީ ބުދުދީނަށް އަޅުކަންކުރާ، ސިންހަލަ ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ އެގައުމުގެ ޖުމްލަ އާބާދީގެ 10 ޕަސަންޓެވެ.