08 Mar 2018, 12:50
ހދ. ހަނިމާދޫ ފެނުގެ ނިޒާމުގެ ގާއިމު ކުރުމަށް 46 މިލިއަން ރުފިޔާގެ މަޝްރޫއުއެއްގެ މަސައްކަތް ފައްޓައިފި އެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ އެވެ.
މަޝްރޫއު ކުރިއަށް ގެންދަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އެ މަޝްރޫޢުގެ އަގަކީ 46,903,983.43 ރުފިޔާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.

ހދ. ހަނިމާދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުން --- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 19 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އެ ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 168 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް ބުންޏެވެ.
މަޝްރޫޢު ނިމޭ އިރު، ހަނިމާދޫގައި ސާފު ފެނުގެ ޚިދުމަތް ގާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ގުޅާދޭނެ ކަމަށް ބުންޏެވެ.