އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީއަކީ އިންޑިއާގައި އެންމެ ނަން ހިނގާ ކުޅިވަރު ޝަހުސިއްޔަތެވެ. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. ކޯލީ އަބަދުވެސް ފާހަގަ ކުރެވެނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކޮށް އަޑު އުފުލާ އެތުލީޓެއްގެ ގޮތުގައެވެ.

ހާއްސަކޮށް 2016 ވަނަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އޭނާގެ އޮފިޝަލް ފެޝަން ބްރޭންޑް ކަމަށްވާ "ރޯން"ގެ ފޭސްބުކްގައި ކުރި ޕޯސްްޓް ގިނަ ބައެއްގެ ލޮލުގައިވަނީ އަޅައިގެންފައެވެ.

ވިރާތު ކޯލީއަކީ ދުނިޔޭގެ އެންމެ ކްރިކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކޭ --- ފޮޓޯ/ މީސްމީޑިއާ

"ހުރިހާ އަންހެން ކަނބަލުންގެ ކިބައިން މައާފަށް އެދެން. ހޯއްގޮވާ ފޮށޭ މީހުންނާ ހެދި، ކަމެއް ނެތި ފޯނަށް ގުޅާ އުނދަގޫ ކުރާ ބައެއް ފިރިހެނުންނާ ހެދި، ސަލާންކުރުމާއި ބަލާ ބެލުމުގައި ލޯއަޅާ މީހުންނާ ހެދި، ނުރުހުމުގައި ގައިގައި ޖެހި، ފާހާނަތަކުގައި ބިއްލޫރި ހަރުކޮށް އަންހެނުންގެ އަބުރު ނަގާލަން މަސައްކަތް ކުރާ އެތައް ބަޔަކާ ހެދި ދިރިއުޅުން މާޔޫސްކޮށްނުލާ. ރަނގަޅު ފިރިހެނުންވެސް އެމީހުން ތެރޭގައި ތިބިކަން ހަނދާންކޮށްދެން. އުފާވެރި ކަނބަލުންގެ ދުވަހަކަށް އެދެން،" ކޯލީގެ ފަރާތުން "ރޯން"ގައި ކޮށްފައިވާ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.

ދާދި ފަހުން އިންޑިއާގެ ސްޕާ ސްޓަރ އަނުޝްކާ ޝަރުމާއާ ކައިވެނީގެ ގޮތުން ގުޅުނު ކޯލީ ވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ހާއްސަ މެސެޖެއް އޭނާގެ ވެރިފައިޑް އިންސްޓާގްރާމް އަދި ޓްވިޓާ އެކައުންޓުގައި ޕޯސްޓްކޮށްފައެވެ.

ވިރާތު ކޯލީއާއި އަނުޝްކާގެ ކައިވެނި ހަފްލާގެ ތެރެއިން --- ފޮޓޯ/ ވޯގު އިންޑިއާ

ކޯލީގެ މެސެޖުގައި އޭނާގެ އަންހެނުން އަނުޝްކާއަށް ހާއްސަކަމެއް ދީފައިވާއިރު، ދުނިޔޭގެ އެހެން ހުރިހާ އަންހެނުންނަށްވެސް އޭނާ ވަނީ ވަރުގަދަ މެސެޖެއް ދީފައެވެ.

"އަންހެނުންނާ ފިރިހެނުން ހަމަހަމައެއް ނޫން. އެކަމަކު އެ ދުވަހެއް އައުން އެއީ ވަރަށް ބޭނުންވާ ކަމެއް. އެކަމަކު އަދި ހަމަހަމައެއް ނޫން. ފިރިހެނުންނަށް ދިރި އުޅުމަށް ދިމާވާ ކަންތަކަށްވުރެ މާ ގިނަ ފުރައްސާރައާ އުނދަގޫ އަންހެނުންނަށް ކުރިމަތިވޭ. ޖިންސީ ގޯނާ، ހަނގާކުރުން، ނަސްލީ ތަފާތު ކުރުން، ޖިންސީ ތަފާތުކުރުން، އަނިޔާ ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގެވެށި އަނިޔާ. މި ހުރިހާ ކަންކަންވެސް އަންހެނުންނަށް އިތުރު. އެ ހުރިހާ އުނދަގުލަކާއެކުވެސް އަންހެނުން ކޮންމެ ދުވަހަކުވެސް ހިތްވަރާއެކު ދިރިއުޅުމުގައި ކުރިއަށްދޭ. އެވަރުންވެސް ބުނަންވީ ހަމަހަމައޭތަ؟ ނޫން. ހަމަހަމައެއް ނޫން. އަންހެނުންނަކީ މާ ބޮޑަށްވެސް ހިތްވަރު ގަދަ ބައެއް. ދުނިޔޭގެ ހުރިހާ އަންހެނުންނަށް އަންހެނުންގެ ދުވަހަގު ތަހުނިޔާކިޔަން،" ކޯލީގެ އިންސްޓަގްރާމް އަދި ޓްވިޓާގައި އޭނާ ދިން ވީޑިއޯ މެސެޖުގައި ބުނެއެވެ.

ކޯލީ އޭނާގެ އަންހެނުންނަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކިޔާފައިވާ ވީޑިއޯގައި އަންހެނުން އަނުޝްކާ ޓެގްކޮށް ބުނެފައިވަނީ "އަނުޝްކާއަކީ އޭނާގެ ހަޔާތުގައި އެފަދަ ދެވަނައެއް ނުވާ އަންހެން ކަނބަލެއް" ކަމަށެވެ.

ވިރާތު ކޯލީ ފައުންޑޭޝަންގެ ދަށުން އިންޑިއާގައި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ އިވެންޓްތަކުގެ އިތުރުން ފަގީރުކަން ނައްތާލުމަށް ހާލުގައިޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އުމުރުން 29 އަހަރުގެ ކޯލީއަކީ 2008 ވަނަ އަހަރުން ފެށިގެން ގައުމީ ކްރިކެޓް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ދުނިޔޭގެ ކްރިކެޓްގައި ގިނަ ރެކޯޑްތަކެއް އޮންނަ ކޯލީ، ކްރިކެޓް ދަނޑުގައި ދައްކާ ނަމޫނާއާ އެއްވަރަށް އިންޑިއާގެ އެހެނިހެން ކަންކަން ރަނގަޅުކުރުމަށް އޭނާ ގޮވާލާ ވަރުގަދަ ގޮވާލުންތައް ވަރަށް ބޮޑަށް ފާހަގަކޮށްލެއެވެ.