08 Mar 2018, 10:53
ޑްރައިވަރަކާ ނުލާ ދުއްވާ ކާރުއުފައްދާ ކުންފުނިތަކަށް ޗައިނާގެ ސަރުކާރުން ލައިސެންސް ދޫކުރަން ފަށައިފި އެވެ.
އެގޮތުން މި މަހުގެ ފުރަތަމަ ދުވަހު އެ ގައުމުގެ ސަރުކާރުން ވަނީ ޑްރައިވަރަކާ ނުލާ ދުއްވާ ކާރުތައް އެގައުމުގެ މަގުތަކަށް ނެރެ، ޓެސްޓުކުރަން ހުއްދަ ދޭން ނިންމައިފަ އެވެ. މި ހުއްދަ ދޭން ނިންމި ކުންފުނިތަކަކީ ޝަންހާއީގައި އޮޕަރޭޓުކުރާ އެސްއޭއައިސީ މޮޓޯ ކޯޕަރޭޝަން ލިމިޓެޑާއިި އެންއައިއޯ ކިޔާ ކުންފުންޏެކެވެ.
އެންއައިއޯ އާއި ހަވާލާދީ ރޮއިޓާސް އިން ވަނީ އެކުންފުންޏަށް އެ ލައިސެންސް ލިބުނުކަން ކަށަވަރުކޮށްދީފަ އެެވެ.
މި ދެ ކުންފުންޏަށް ސަރުކާރުން ލައިސެންސް ދީފައި މިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ސާޗް އިންޖީނު ބައިޑޫގެ ވެރިޔާ، ރޮބިން ލީ ހުސްވި ޖުލައި މަހު ޑްރައިވަރަކާ ނުލާ ދުއްވާ ކާރެއް ބެއިޖިންގެ މަގުތަކުގައި ދުއްވާ، ޓެސްޓުކޮށްފައިވަނިކޮށެވެ.
ޑްރައިވަރކާ ނުލާ ކާރު ދުއްވުމުގެ ލައިސެންސް ލިބުނު އެންއައިއޯ އިން ބުނީ ސަރުކާރުން ދިން ލައިސެންސާ އެކު އެކުންފުނީގެ އޮޓޯމޮބައިލް ވިޔަފާރި އިތުރަށް ކުރިއަށް ދާނެކަމަށެވެ.
ޑްރައިވަރަކާ ނުލާ ދުއްވުމުގެ ގަވައިދު ވެސް ޝަންހާއީގެ މުނިސިޕަލް ސަރުކާރުން ވަނީ އެކުލަވާލައިފަ އެވެ. އެ ގަވައިދު ބުނާ ގޮތުން މި ކާރުތައް ޓެސްޓު ކުރުމަށް ޝަންހާއީ އިން މަގުތަކެއް ހާއްސަކުރާނެ ކަމަށެވެ.
ޗައިނާ އިން މަސައްކަތްކުރަނީ ޓެކްނޮލަޖީގެ އެހީގައި ޢާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުއްވާ ކާރު އުފައްދާ މިންވަރު 2020 އަންނަންވާއިރަށް އިތުރުކޮށް އިންޓެލިޖެންސް ވެހިކަލް އުފެއްދުމުގައި އެއްވަނައަށް އެރުމަށެވެ.