ބަންގްލަދޭޝަކީ 1980 އަދި 1990ގެ އަހަރުތަކުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ހާއްސަކޮށް ދިވެހި ރާއްޖެއާ އަޅާބަލާއިރު އޭރު ބަންގާޅަކީ ވަރުގަދަ ގައުމެކެވެ.

ދެހާސް ތިން ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެ ބަލިކޮށް، ބަންގާޅު ތަށި ނެގި ނަމަވެސް އޭގެ ފަހުން ގައުމީ ލެވެލްގައި ވެސް އަދި ކްލަބު ލެވެލްގައި ވެސް ރާއްޖެއާ ފުޓުބޯޅައިގެ ގޮތުން ބަންގާޅަށް މާ ބޮޑަށް ވާދަކުރެވިފައެއް ނުވެއެވެ.

މިދިޔަ އަހަރު ބަންގާޅުގައި ބޭއްވި ބައިނަލްއަގުވާމީ ކްލަބު މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކާމިޔާބުކުރީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީސީވަނީ ޑާކާ އަބަހާނީ ބަލިކޮށްފައެވެ. އަދި މިއަހަރުގެ އޭއެފްސީ ކަޕް ކޮލިފިކޭޝަން ޕްލިރިމިނަރީ ބުރުގައި ބަންގާޅުގެ ސައިފް އެސްސީއާއެކު ޓީސީން ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ހަމަ ޓީސީއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ މާޒިޔާ އާއި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗަށް ނުކުތް އަބަހާނީގެ ފުރަތަމަ 11 -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރަކީ ޑާކާ އަބަހާނީ ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް ނުކުތް އަހަރެވެ. ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެއް ގްރޫޕެއްގައި ހިމެނި، ރާއްޖެ އަދި ބަންގާޅުގައިވެސް އަބަހާނީވަނީ މާޒިޔާ އަތްދަށުވެފައެވެ.

ޑާކާ އަބަހާނީގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ސައިފުލް ބާރީ ޓީޓޫއަކީ ބަންގާޅު ފުޓުބޯޅައިގެން ލެޖެންޑެކެވެ. ބަންގާޅު ގައުމީ ޓީމަށްވެސް ކުޅުނު ޓީޓޫއަކީ 2004 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކޯޗިންގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ ފުޓުބޯޅަ ޝަހުސިއްޔަތެކެވެ. ބަންގާޅު ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ޓީޓޫވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ.

ސައިފުލް ބާރީ ޓީޓޫ ގައުމީ ޓީމުގެ ކޯޗު ކަމުގައި ހޭދަކުރި ދުވަސްވަރު --- ފޮޓޯ/ ޑާކާ ޓްރައިބިއުން

ބަންގާޅު ފުޓުބޯޅައަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އިއްޔެގެ އޭއެފްސީ ކަޕް މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޓީޓޫ ނުކުތީ ވަރުގަދަ އަޒުމެއްގައެވެ.

"މެޗަށް ނުކުތީ ވަރަށް ވަރުގަދަ އަޒުމަކާއެކު. ވަރަށް ބޮޑަށް ބޭނުން ވެފައި އޮތް ކަމެއް، ރާއްޖޭގެ ކްލަބުތަކުން ބަންގާޅު ކްލަބުތައް ބަލިކުރާ ބަލިކުރުމަށް ނިމުމެއް ގެނައުމަކީ،" މެޗަށްފަހު ޓީޓޫ ބުންޏެވެ.

ޓީޓޫ ބުނީ އިއްޔެގެ މެޗަށް ނުކުތީ ވަރަށް އަޒުމް ވަރުގަދަކޮށް ނަމަވެސް މާޔޫސްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

"ހިތްވަރަށް ފޮނިކަމެއް ނާންނާނޭ ދޯ ގޯލް ނުޖެހެންޏާ. ސަންޑޭ (ނައިޖީރިއާ މިޑްފީލްޑަރު)އަށް ލިބުނު ދެ ފުރުސަތުވެސް އޭނާއަށް ނިންމާލެވެން ޖެހޭނެ. މެދު ތެރެއިން ވަރުގައަށް ޕްރެސްކޮށްގެން ކުޅެން އުޅުނީ. އެކަން ކާމިޔާބުވެސް ވި. ނިންމާ ނުލެވުނީ،" ޓީޓޫ ފާހަގަކުރިއެވެ.

ޓީޓޫ ބުނީ ބަންގާޅުގެ ފުޓުބޯޅަ މިވަގުތު އޮތް ހާލަތުން އަރިގަތުމަށް ކްލަބު ލެވެލްގައި ކުޅޭ ބައިނަލްއަގުވާމީ މެޗުތަކުން މޮޅުވާނެ ޖެހޭ ކަމަށާއި އެއީ ގައުމީ ލެވެލްގައި ކުރިއަރަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

އިއްޔެ ކުޅުނު އޭއެފްސީ ކަޕް ގްރޫޕް އީގެ މެޗުގައި ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ކަޕް ގްރޫޕް އީ ގައި އަބަހާނީއާއި ނިއު އިއްޔެ ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ނިއުއަށް ގޯލް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.