ބަންގުލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށް ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވަނީ އޭއެފްސީ ކަޕްގެ ފެށުން ރަނގަޅުކޮށްފައެވެ.

ބަންގާޅުގެ ބަންގުބަންދު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗު، ނިއުއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ދެވަނަ ހާފްގައި ނިއުއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗުން މޮޅުވީ ނަސީބު އެހީވެގެންތޯ ބަންގާޅު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނިއުގެ ސްޕެއިން ކޯޗު، އޮސްކާ ބުރުޒޮން ބުނީ ފުޓުބޯޅައިގައި ނަސީބު ނޯންނާނެ ކަމަށާއި، ފުޓުބޯޅައިގައި ނަތީޖާ ނެރެވޭނީ ކުރާ މަސައްކަތުން ކަމަށެވެ.

"ފުޓުބޯޅައިގައި ނަސީބެއް ނޯންނާނެ. ފުޓުބޯޅައިގައި އޮންނާނީ މަސައްކަތް ކުރުން. އަހަރެން ގަބޫލެއް ނުކުރަން ނަސީބެއް. ކާމިޔާބުވާނީ މަސައްކަތް ކޮށްގެއް. ނިއުއިންވެސް މިދިޔަ ސީޒަނުން ފެށިގެން މި އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުން،" އޮސްކާ ބުންޏެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އޮސްކާ ބުނީ ނިއުއަށް އިއްޔެގެ މެޗު އުނދަގޫވީ އަބަހާނީގެ ފަރާތުން ކުޅެން މަސައްކަތްކުރި ފިޒިކަލް ކުޅުމުން ކަމަށެވެ.

"ވަރަށް އުނދާގޫ މެޗެއް. އިދިކޮޅު ޓީމުން ކުޅެމުންދިޔައީ ވަރަށް ފިޒިކަލް ކުޅުމެއް. ނިއުގެ ކުޅުންތެރިންނަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެން ފެށުނު ހިސާބުން ފަސޭހަވި. ފުރަތަމަ ހާފްގެ ފަހު 20 މިނެޓް ނިއު ކުޅުނު ވަރަށް ރަނގަޅަށް. ދެވަނަ ހާފްގެ ފުރަތަމަ ކޮޅުވެސް އަބަހާނީ ބެލީ ފިޒިކަލީ ވަރުގަދަ ކުޅުމެއް ކުޅެން،" އޮސްކާ ފާހަގަކުރިއެވެ.

ނިއުގެ ކޯޗު އޮސްކާ އިތުރަށް ބުނީ އިއްޔެގެ މެޗުގެ 65 ވަނަ މިނެޓުގައި އަބަހާނީގެ ނައިޖީރިއާ މިޑްފީލްޑަރު ސަންޑޭ ޗިޒޯބާއަށް ދެއްކި ރަތް ކާޑާއެކު ކުޅުންތެރިއަކުު މަދުކޮށް ކުޅެން ޖެހުމުން އެޓީމު ފެނުނީ ވަރުބަލިކޮށް ކަމަށެވެ.

"ރަތް ކާޑަށްފަހު މެޗުގެ ފަހު ކޮޅުގައި އަބަހާނީ ފެނުނީ ވަރުބަލިކޮށް. ވެދާނެ ލީގު މެޗުތައް ނިމިފައި އޮތުމުން ކަމަށްވެސް. އުދަނގޫ މެޗަކުން ތިން ޕޮއިންޓް ނެގުމުން ހިތްހަމަ ޖެހޭ. އައިޒައުލާއި ބެންގަލޫރަށް އަބަހާނީއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ،" އޮސްކާ ބުންޏެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އަބަހާނީން ޗެމްޕިއަނުންގެ ގޮތުގައި ބަންގާޅުގެ ޕްރިމިއާ ލީގު ނިންމާލީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ޕްރި ސީޒަންގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރި ނަމަވެސް އިއްޔެގެ މެޗަށް އަބަހާނީން ނުކުތީ ވާދަވެރި މެޗެއް ނުކުޅެއެވެ. އެހެން ނަމަވެސް ނިއުއިން މެޗަށް ނުކުތީ ލީގުގައި ވަރުގަދަ ދެމެޗެއް ކުޅެ، އެ ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ.

އިއްޔެގެ މެޗުގައި ހަނި މޮޅުއް ލިބުނަސް ހިތްހަމަ ޖެހޭކަމަށާއި އަބަހާނީން ރާއްޖެ އަންނަ އިރު ފައިދާ އޮތީ ނިއުއަށް ކަމަށްވެސް އޮސްކާ މެޗަށްފަހު ބުންޏެވެ.

"ހަނި މޮޅެއް ނޯންނާނެ ގްރޫޕް ސްޓޭޖުގައި. މެޗުން ބޭނުންވާނީ ތިން ޕޮއިންޓް. އެއީ ނެގުނު ފައިދާއެއް. އަބަހާނީން ރާއްޖޭގައި ކުޅޭ މެޗަށް މި ނެގުނު ތިން ޕޮއިންޓް މުހިއްމުވާނެ" އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބަންގާޅު ޗެމްޕިއަން އަބަހާނީ އަދި ރާއްޖޭގެ ޗެމްޕިއަން ނިއުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ އައިލީގު ޗެމްޕިއަން އައިޒައުލް އެފްސީއާއި މި ސަރަހައްދުގެ ގަދަ ބާރު، ބެންގަލޫރު އެފްސީއެވެ.