08 Mar 2018, 15:08
ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސް ފަރުވާގެ ކަންކަން ނިމިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބޭސްފަރުވާ ނިމުނު ކަން ކަރެކްޝަންސް އަށް އަންގަވާފައިވާ ކަމަށާއި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގެން ޖަލު ހުކުމް ފުރިހަމަކުރުމަށް އަންގާފައި ނުވާ ކަމަށެވެ.
"އަދި ވެސް އަޅުގަނޑު ކައިރީގައި އެންމެ ފަހަރަކު ވެސް ވިދާޅެއް ނުވޭ ޕްރިޒަންސް އަކުން ވެސް ކަރެކްޝަންސް ވެސް އެނބުރި އައުމަކަށް. އަޅުގަނޑު ބޭސްފަރުވާ ނިމުނު ވާހަކަ ކަރެކްޝަންސްގައި ވެސް ދަންނަވާފައި ވާނީ. އަޅުގަނޑު ކައިރީގައި އެނބުރި އައުމަކަށް އެއްފަހަރު ވެސް ނުބުނުއްވާ،"
ކަރެކްޝަނުން ބުނީ ނަޝީދުގެ ވާހަކަފުޅާ މި ވަގުތަށް ވަކި އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތީ ރާއްޖެއިން ބޭރުގެ ޕްރެޝާރާ ހެދި ކަމަށާއި މިހާރު ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށެވެ. ސިއްހީ މައްސަލައަކަށް ހުންނަނީ މައިބަދައިގެ ރިހުން ކަމަށާއި އޮޕަރޭޝަނަށް ފަހު މައިބަދައިގެ މައްސަލަ ވެސް ރަނގަޅު ވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ނަސީބަކުން ސިއްހަތު ރަނގަޅު. ހަކުރެއް ނުހުރޭ. ޕްރެޝަރެއް ނުހުރޭ. ދެން ހާޓުގެ މައްސަލައެއް ހުރީއެކީ ނޫން. ދެން އެއްވެސް މައްސަލައެއް ނެތް. ހަމައެކަނި އަޅުގަނޑުގެ ހުންނަނީ ބުރަކަށީގައި މައިބަދައިގެ ހުންނަ ރިހުމެއް. ދެން އަކަމު މިހާރު ފަރުވާ ލިބުނު ފަހުން ވަރަށް ރަނގަޅު." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީން މިވަގުތު މަސައްކަތްކުރަމުން ދަނީ ގިނަ ސިޔާސީ ލީޑަރުންތަކަކާ ގުޅިގެން ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ގޮތެއް ނިންމާނީ އެ ފަރާތްތަކުގެ ވެސް މަޝްވަރާއާ އެކުގައި ކަމަށެވެ. ނަމަވެސް ފެބުރުއަރީ މަހު ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ނަޝީދު ވިދާޅުވީ އެމަނިކުފާނު ކެންޑޭޓެއްގެ ގޮތުން މިއަހަރު ނުކުންނަވާނެ ކަމަށެވެ. އޭރު ކޯލިޝަންގެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.