ނަވާރަ ސަަތޭކަ ފަންސާސް ނުވަނަ އަހަރު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް އޭރުގެ ހަވަރުތިނަދޫ ގެންދިޔުމަށްޓަކައި، އޭރުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގައި މެދުވެރިވެފައިވާ ބޭއިންޞާފަށްޓަކައި ތިނަދޫ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މަޢާފަށް އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދޫ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތީ، ތިނަދޫގައި މިއަދު ބޭއްވެވި ކެބިނެޓްގެ މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ބާރުގެ ދަށަށް ތިނަދޫ ގެނައުމަށް އޭރު ހިންގުނު ބޭއިންޞާފު ކަންތައްތަކަށްޓަކައި ތިނަދޫ ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ތިނަދޫ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށާއި، ތިނަދޫ ރައްޔިތުންނާ ދޭތެރޭގައި، އޭރުގެ ސަރުކާރުން ކަންތައްތައް ކުރައްވާފައިވަނީ، އިންޞާފުން އެއްކިބާވެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ތަކުރާރުވުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވޭތޯ ބެއްލެވުމަކީ، ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ތިނަދޫގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމުގެ ބޭނުންފުޅަކީ، ތިނަދޫގެ ކަންކަން ތިނަދޫ ރައްޔިތުން ބޭނުންވާ ގޮތަށް ގެންދެވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.