08 Mar 2018, 12:25
ތުމް ބިން 2ގެ އަންހެން ލީޑް ތަރިން ފެނިގެން ދިޔަ ނީހާ ޝަރްމާގެ ކޮއްކޮ އައިޝާ ޝަރްމާ ވެސް ބޮލީވުޑަށް ނުކުންނަ ފިލްމު "އެސްއެމްޖޭ"ގެ ޝޫޓިން ފަށައިފި އެވެ.
އައިޝާ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު އެ ފިލްމުގެ ފިރިހެން ލީޑް ތަރިއެއްގެ ގޮތުގައި ފެނިގެން ދާނީ މަޝްހޫރު ބަތަލު ޖޯން އަބްރަހަމް އެވެ.
މިލަޕް ޒަވޭރީ ޑައިރެކްޓް ކުރާ އެ ފިލްމާ ގުޅޭ ގޮތުން އައިޝާ ބުނީ އެސްއެމްޖޭ އަކީ ރަނގަޅު ސްކްރިޕްޓްއެއް ކަމަށާއި ހާއްސަކޮށް ޖޯން އަބްރަހަމް އާ އެކީ ބޮލީވުޑަށް ނުކުންނަ ފިލްމު ކުޅެލަން ލިބުނީމާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަސްލު ވަރަށް ހެޕަނިން. ވަރުގަދަ ޓީމަކާ އެކީ މި ފަހަރު މިއޮތީ މަސައްކަތް ކޮށްލަން ލިބިފައި. އެންމެ އުފާވަނީ ޖޯން އާ އެކީ މަސައްކަތްކޮށްލަން ލިބުނީމަ،" އައިޝާ ބުންޏެވެ.
ފިލްމުގެ ޑައިރެކްޓަރު ބުނީ ސްކްރިޕްޓް ލިޔަމުން ދިޔަ އިރު ވެސް ވިސްނައިގެން ހުރީ ފިލްމުގެ އަންހެން ލީޑް ތަރިއެއްގެ ގޮތުގައި އައިޝާ ހޮވަން ކަމަށެވެ.
ފިލްމު ރިލީޒްކުރާ ތާރީހެއް އަދި އިއުލާންކޮށްފައިނުވި ނަމަވެސް ފިލްމު ރިލީޒްކުރާނީ އަހަރުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މައުލޫމާތު:އެންޓަޓެއިންމަންޓް ޓައިމްސް