އަހަރަކަށްފަހު އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް، މެންޗެސްޓާ ސިޓީއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ބާސެލް އަތުން ސިޓީ ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ކުއާޓާގެ ޖާގައެއް ސިޓީއަށް ލިބުނީ 5-2ގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ. ރޭގެ ބައްޔަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު އަމިއްލަ ދަނޑުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާއި ބާސެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ ބަލިވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭގެ މެޗަށް ސިޓީ ނުކުތީ ބަދަލުތަކަކާއެކުއެވެ. ރޭގެ މެޗުގައި އުމުރުން 17 އަހަރުގެ ފިލް ފޮޑެންއަށް ފުރަތަމަ 11އިން ޖާގަ ދިނުމުން އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ މެޗެއް ފެށި އިނގިރޭސިވިލާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާގެ އިތުރުން ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޔާޔާ ޓޫރޭއާއި ގެބްރިއަލް ޖީސަސް އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވެސް ސިޓީގެ ފުރަތަމަ 11ގައި ހިމަނައިފައެވެ.

އެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސިޓީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީއަށް ލީޑު ހޯދައިދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއެވެ. އެ ލަނޑަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 18އަށް ފަހު، ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާއި ބާސެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ ބަލިވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށްފަހު ވެސް ސިޓީން ރަނގަޅު ކުޅުމެއް ދައްކައި، ފުރުސަތުތަކެއް ތަނަވަސްކޮށްފައި ވަނިކޮށް، ބާސެލްއިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސެލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޭ މިޑްފީލްޑަރު މުހައްމަދު އެލްޔޫނޫސީއެވެ. އެ ލަނޑަފަހު ވެސް އެލްޔޫނޫސީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ބާސެލްއިން މެޗުގެ ލީޑު ހޯދީ 71 ވަނަ މިނެޓުގައެވެ. އެލްޔޫނޫސީ ދިން ބޯޅައަކުން ބާސެލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޒަލެންޑް ޑިފެންޑަރު މައިކަލް ލޭންގްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސިޓީގެ އިތުރުން ރޭ އިޓަލީގެ ޔުވެންޓަސްއިން ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ދެ ޓީމާއެކު މިހާތަނަށް ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ރެއާލް މެޑްރިޑާއި ލިވަޕޫލެވެ.