08 Mar 2018, 09:08
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، ޔުވެންޓަސްއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޓޮޓެންހަމްގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްއިން ކުއާޓާގެ ޖާގައެއް ހޯދީ 4-3ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޓޮޓެންހަމްގެ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ސޮން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ޔުވެންޓަސްގެ ގޯލަށް ޓޮޓެންހަމްއިން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. އެގޮތުން ޓޮޓެންހަމްގެ ހެރީ ކޭންއާއި، ކްރިސްޓިއަން އެރިކްސަންއާއި، ސޮން ހިޔުން މިން އަދި ޑެލޭ އަލީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ޓޮޓެންހަމްއިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެކުނު ކޮރެއާ ފޯވަޑް ސޮންއެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ހިގުއައިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗުގެ 64 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސެމީ ކެޑީރާ ދިން ބޯޅައަކުން ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިންއެވެ. ކެޑީރާ ބޮލުން ޖައްސާލި ބޯޅަ، ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހިގުއައިން ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓުތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ހިގުއައިން ދިން ރީތި ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާއެވެ. ހިގުއައިން ދިން ބޯޅަ ހިފައިގެން ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑިބާލާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޔުވެންޓަސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ޑިބާލާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ޔުވެންޓަސްއިން ލީޑު ހޯދުމާއެކު ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން މެޗުގެ އެންމެ ފަހު މިނެޓުގައި ޓޮޓެންހަމްގެ ކޭންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކޭން ބޮލުން ފޮނުވާލި ހަމަލާ، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ޔުވެންޓަސްގެ ޑިފެންޑަރު އަންދްރޭ ބަރްޒަގްލީ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.
ޓޮޓެންހަމްގެ އިތުރުން ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ދެ ޓީމާއެކު މިހާތަނަށް ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ރެއާލް މެޑްރިޑާއި ލިވަޕޫލެވެ.